27 Feb 2020, 12:15
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިވެއްޖެ އެވެ.
އަލްހާން ވާދަކުރައްވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށެވެ. އަދި އޭނާގެ މޭޔަރުކަމުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެ، ކެންޑިޑަސީ ކަށަވަރުކޮށްދީފައި ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.
ޖޭޕީގެ މެމްބަރުކަމުން އިސްތިއުފާދެއްވައި އެ ޕަޓީއަށް އަލްހާން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާތީ ބައެއް ފަރާތްތަކުން އޭނާގެ ސިޔާސީ ވިސްނުމާމެދު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.
މިވަގުތު ވަކި ޕާޓީއެއްގައި ހުރުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް އަމިއްލައަށް ވެސް ގަބޫލުކުރެވޭ ކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ.
އެހެންކަމުން "މިވަގުތަށް" ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން އިސްތިއުފާދީފައިވާ ކަމަށް ސިޓީގައިވެ އެވެ.
"އަޅުގަނޑު އަމިއްލަގޮތުން ކުރިމަތިލިޔަސް އަޅުގަނޑަކީ މިވަގުތު ޖުމްހޫރީ ޕާޓީގެ މެމްބަރަކަށްވާތީ ބައެއް ފަރާތްތަކުން އަޅުގަނޑުގެ ސިޔާސީ ވިސްނުމާމެދު ސުވާލު އުފައްދާތީ އާއި، އަޅުގަނޑަށް ފެންނަ ފެނުމުގައި ވެސް މިވަގުތު ވަކި ޕާޓީއެއްގައި ހުރުމަކީ އަޅުގަނޑުގެ ސިޔާސީ މިނިވަންކަމާމެދު ސުވާލު އުފެދޭނެ ކަމަކަށްވާތީ، މިވަގުތަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން އިސްތިއުފާދިން ވާހަކަ ދަންނަވަމެވެ." ސިޓީގައިވެ އެވެ.
އަލްހާން ޖޭޕީއާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މީގެކުރިން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދައިރާގެ ކުރީގެ މެމްބަރު އަލްހާން ވަނީ ކުޑަ ދުވަސްކޮޅަކު ޕީޕީއެމްގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.