08 Dec 2011, 10:58
މި ސަރަޙައްދުގެ ޤައުމުތަކުގެ ޤައުމީ ޓީމުތައް އިންޑިޔާގެ ވެރިރަށް ނިޔުދިއްލީ އަށް ޖަމާވެ، މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖަވާހިރުލާލް ނެހުރޫ ސްޓޭޑިޔަމްގައި މެޗްތައް ކުޅެމުންދިޔައީ 2011 ވަނަ އަހަރުގެ ސާފް ޗެމްޕިޔަންޝިޕް މުބާރާތުގެ ތަށި ހޯދުމަށެވެ. މި މުބާރާތުގެ ތަށި ހޯދުމަށް ޓީމުތައް ކުރާ މަސައްކަތް ބިނާ ވެގެންވަނީ މި ސަރަޚައްދުގެ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ޤްރޫޕަކުން އެންމެ މަތީނަތީޖާ ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭ ގޮތަށެވެ. މިގޮތުން މިހާރު މިވަނީ މި މުބާރާތުގެ ގްރޫޕް މަރުޚަލާ ނިމި ސެމީ ފައިނަލަށް ހޮވުނު ޓީމުތައް ކަނޑައެޅި ނަތީޖާ ނުނެރެވުނު ޓީމުތައް ހުސްއަތާ އެނބުރި ރަށަށް ދިޔުމަށް ދަތުރު ހަދަންފަށާފަ އެވެ. މިމުބާރާތުގެ ގްރޫޕް މެޗްތަށް ކުޅެނިމުނު އިރު ޤައުމުތަކުގެ ފެންވަރާއި ރޭވުން އަދި ކުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު ޖުމްލަ ގޮތެއްގައި މި ސަރަޙައްދުގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅުވަމުން އަންނަކަމަށް ބުނެވިދާނެ އެވެ.
ގްރޫޕް އޭ
މިގްރޫޕްގައި ހިމެނެނީ އިންޑިޔާ، އަފްޤާނިސްތާން، ސްރީލަންކާ އަދި ބޫޓާންއެވެ. މި ގްރޫޕްގެ މެޗްތައް ފެށުނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާ އާއި ބޫޓާން އަދި އިންޑިޔާ އާއި އަފްޤާނިސްތާން ބައްދަލުކުރި މެޗުންނެވެ. މި ގްރޫޕްގެ ފުރަތަމަ މެޗްތަކަށް ފަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކުނީ މި ގްރޫޕްގައި ބޫޓާން ފިޔަވާ އެހެން ޓީމުތަކުން ގަދަފަދައަށް ވާދަކުރާނެ ކަމަށެވެ. ނަމަވެސް މި ގްރޫޕްގެ މެޗްތަކުގެ ނަތީޖާ ތަކާއި މެދު ފުންކޮށް ވިސްނާލުމުން އެނގެނީ މި ގްރޫޕްގައި ހިމެނޭ އިންޑިޔާ އާއި އަފްޤާނިސްތާންގެ ކުޅުމާއި ހުނަރާއި ފެންވަރު ސްރީލަންކާއަށް ވުރެ ރަނގަޅު ކަމާއި ބޫޓާންގެ ފުޓްބޯޅަ ޓީމުގެ ފެންވަރު މުޅި މުބާރާތުގެ އެހެން ހުރިހާ ބައިވެރިންނަށްވުރެ ދަށްކަމެވެ. ގްރޫޕް މަރުޚަލާގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވުމާއި އެކު މިގްރޫޕްގެ މެޗްތައް ނުނިމެނީސް ބޫޓާން މުބާރާތުން ކެޓިނަމަވެސް އިންޑިޔާ، ބަންގްލަދޭޝް އަދި ސްރީލަންކާ ގްރޫޕްގެ އެންމެ ފަހު މެޗް ކުޅުމާއި ހަމައަށް ސެމީފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވިފައިއޮތެވެ.
ސެމީފައިނަލަށް ދަތުރުކުރި ޓީމްތައް
އެންމެފަހުން އޮތް ސާފް ޗެމްޕިޔަންޝިޕްގެ ތަށި ހޯދި އިންޑިޔާ އަކީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އަދި މިއަހަރުގެ މުބާރާތުގައި ހިމެނޭ އެންމެ ވަރުގަދަ ޓީމުކަމަށް ދިރާސާކުރާ ފަރާތްތަކުން ބެލި ޓީމެކެވެ. މީގެ އިތުރަށް އިންޑިޔާގެ ވެރި ރަށުގައި މި މުބާރާތް ބޭއްވޭތީ އެ ޤައުމަށްވެސް ހީވެފައިއޮތީ މިމ ުބާރާތުގައި ބައިވެރިވާ އެހެނިހެން ޓީމުތައް ފަސޭހަ ކަމާއިއެކު ބަލިކޮށްލާ މިއަހަރުގެ ތަށި ވެސް ހޯދޭނޭ ކަމަށެވެ. މުބާރާތް އަދި ނުނިމޭތީ، އިންޑިޔާއަށް ތަށި ނުލިބޭނެޔޭ ސީދާ ބުނަންނުވި ކަމަށްވިޔަސް، ގްރޫޕް މަރުޚަލާގެ މެޗްތަކަށް ފަހު ސާބިތުވަނީ މިގްރޫޕްގައި އެންމެ ފުރިހަމަ ކުޅުމެއް ދައްކަމުންދާ ޓީމަކީ މި މުބާރާތުގެ ކުރިން އާދައިގެ ޓީމެއްކަމަށް ބެލެވުނު އަފްޤާނިސްތާނު ކަމެވެ.
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޤައުމުގެ ޤައުމީ ޓީމު އެކުލަވާލުމުގައި ޤައުމުން ބޭރުގައި ދިރިއުޅޭ އަފްޤާނުންނަށް އިސްކަންދީފައިވީ ނަމަވެސް މިހާރު މިޤައުމުގައި ފުޓްބޯޅަ ތަރައްޤީކުރުމުގެ އާ ރޫޙެއްވަނީ އަށަގަނެފަ އެވެ. ޒުވާނުންނަށް ފުޓްބޯޅަ އުގަންނައިދޭ މަދަރުސާތައް ވެރިރަށް ކާބުލްގައި ހުޅުވުމުގެ ނަތީޖާއެއްގެ ގޮތުން ފަހަކަށް އައިސް ޒުވާން ޓީމުތަކުން ސަރަޙައްދުގައި ކާމިޔާބު މެޗްތަކެއް ކުޅެމުން ދިޔައެވެ.
އަދި މިއަހަރުގެ ސާފް ޗެމްޕިޔަންޝިޕަށް ނަގާފައިވާ ޓީމުގައި އަފްޤާނިސްތާނުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމަނާފައި ވެއެވެ. މިއަހަރުގެ ކުރީކޮޅު ކުޅުނު އޭއެފްސީ ޗެލެންޖް ކަޕް އަދި ވޯލްޑްކަޕް ކޮލިފައިން މެޗްތަކުގައި އާދައިގެ ކުޅުމެއް ދައްކާފައިވާ އަފްޤާނިސްތާން ޓީމު މި މުބާރާތުގެ ގްރޫޕް މަރުޚަލާގެ ފުރަތަމަ މެޗްގައި އިންޑިޔާ އާއި އިދިކޮޅަށް ދެއްކި ފުރިހަމަ ރޭވުންތެރި ކުޅުމުގެ ސަބަބުން ބެލުންތެރިން ވަނީ ހައިރާންކުރުވާފަ އެވެ. އަދި ސްރީލަންކާއާއެކު ކުޅުނު މެޗްގައި ގިނަ ގޯލްތަކަކުން މޮޅުވުމަށްފަހު ގްރޫޕްގެ އެންމެ ފަހުމެޗްގައި ބަލިކަށި ބޫޓާނާއެކު ކުޅުނު މެޗްގައި ބައި ޑަޒަނަށް ވުރެ ގިނަ ގޯލުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދުމުން އަފްޤާނިސްތާނުގެ ފުޓްބޯޅަ ޓީމްވަނީ މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިކަން ދޭހަކޮށްދިނެވެ.
ބޫޓާނާއެކު ކުޅުނު މި މެޗްކުޅުނީ އަފްޤާނިސްތާނުގެ ކާބުލްގައި އަންގާރަދުވަހު ގޮއްވާލި ބޮންތަކުގެ ހަމަލާއިން އެތައް ބަޔަކު މަރުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ޒަހަމްވެފައިވާ ސިންގާތަކެއް ފަދައިން ހަމަލާއަކަށްފަހު ހަމަލާ ދެމުންގޮސް އަށް ލަނޑު ޖެހި މިމެޗްގައި އަފްޤާނުންގެ ކޮންމެ ގޯލެއް ޖެހުމަށްފަހު ގޯލްޖެހި ކުޅުންތެރިން އަފްޤާން ބެންޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިން މުސްތަފާ މަދާރުގެ ގައިގާ ބައްދާލުމަށް ދިޔައެވެ. ސަބަބެއްކަމަށް ބެލެވެނީ އަންގާރަ ދުވަހުގެ ބޮމުގެ ހަމަލާގައި އަފްޤާން މިޑްފީލްޑަރު މުސަތަފާ މަދާރުގެ އާއިލީ ހަތަރު މެމްބަރުން މަރުވުމެވެ. މި އަމަލުގެ ސަބަބުން އަފްޤާނިސްތާން ޓީމުން މި މުބާރާތުގައި ދައްކަމުންދާ ހުނަރާއި ރޭވުމުގެ އިތުރަށް ޓީމުގެ އެތެރެ އާއި ބޭރުގެ ގުޅުން ބަދަހިވެފައިވާ މިންވަރު ހާމަވެއެވެ. މިގްރޫޕްގެ ކުޅުން ނިމިގެންދިޔައިރު ސެމީފައިނަލަށް އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ އަފްޤާނިސްތާންއެވެ. އިންޑިޔާ ސެމީފައިނަލަށް ހޮވިފައިވަނީ ލަނޑުގެ ގޮތުން އަފްޤާނިސްތާނަށްވުރެ ދަށުގައި އުޅޭތީ ދެ ވަނަ ޓީމެއްގެ ގޮތުންނެވެ.
ގްރޫޕް ބީ
މި ގްރޫޕްގައި ހިމެނެނީ ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ. މިއަހަރުގެ މުބަރާތަށް ގުރުއަތު ލުމަށްފަހު އެކި ފަރާތްތަކުން ބުނަމުންދިޔައީ މިގްރޫޕްގައި ހިމެނޭ ޓީމްތަކުގެ ހަމަހަމަ ކަމުން މިއީ މަރުގެ ގްރޫޕް ކަމަށެވެ. އަދި މިގްރޫޕްގެ ކުޅުން ފެނިގެންދިޔައީ ވެސް ޓީމުތަކުގެ ނަތީޖާ ހަމަހަމަ ގޮތަކަށެވެ. އަދި މި މުބާރާތުގައި އެންމެ ފޯރިގަދަ ކޮށްދިޔައީ މިގްރޫޕްގެ ޓީމުތައް ބައްދަލުކުރި މެޗްތައް ކަމަށްވެސް ބުނެވިދާނެ އެވެ.
މިގްރޫޕްގެ ގިނަ މެޗްތައް ނިމުނީ ވަކި ޓީމަކަށް ނަތީޖާ ބުރަނުވެ ކަމުން މި މަރުޚަލާއިން ސެމީ ފައިނަލަށް ދަތުރުކުރާނޭ ޓީމެއް ކަނޑަ އެޅުނީ ގްރޫޕްގެ އެންމެ ފަހު މެޗްތަކުންނެވެ. މި ގްރޫޕްގެ ޓީމްތަކުގެ ކުޅުމަށް ބަލާއިރު، ފުޓްބޯޅައަށް އެހާ ފޯރި ނުހުންނަ ޕާކިސްތާންގެ ޓީމުން ވަރަށް ރަނގަޅު ގަދަފަދަ ކުޅުމެއް ދައްކާ އެޓީމާ ވާދަކުރި ކޮންމެ ޓީމެއްވެސް ހާސްކުރުވި އެވެ.
ޕާކިސްތާންގެ ކުޅުން ކިތަންމެ ގަދަފަދަ ވެފައި ރަނގަޅު ނަމަވެސް ފުޓްބޯޅަ މެޗްތަކުގެ ނަތީޖާ ނެރެވެނީ އެޓީމަކުން ގޯލްޖަހާ ނިސްބަތަށް ވާހިނދު، މި މަރުޚަލާގެ އެއްވެސް މެޗަކުން ބަލިނުވެ ޕާކިސްތާން މުބާރާތުން ވަކިވާންޖެހުނީ އިދިކޮޅު ޓީމުތައް ބަލިކުރެވޭ ވަރަށް ގޯލްޖެހުމުގެ ހުނަރުވެރިކަން ޕާކިސްތާންގެ ހަމަލާވެރިންގެ ކިބައިގާ ނެތުމުންނެވެ.
ކުރިން ޕާކިސްތާންގެ ބައެއްގެ ގޮތުގައި އޮވެ 1971 ވަނަ އަހަރު މިނިވަން ދައުލަތަކަށްވި ބަންގްލަދޭޝް ވެސް ކުޅިބެލުންތެރިން ޝައުޤުވެރިވާފަދަ ކުޅުމެއް މިޤްރޫޕްގައި ދެއްކިއެވެ. މިގޮތުން ފުރަތަމަ މެޗްގައި ޕާކިސްތާން އާއި އެއްވަރުވުމަށްފަހު ދެވަނަ މެޗްގައި ގަދަފަދަ ނޭޕާލް އާއި އިދިކޮޅަށް މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. ފަހު މިނެޓް ކޮޅުތެރޭ ބައިކޮޅަށް ގޯލެއް ވަދެ މި މެޗުން ބަލިވުމަށް ފަހު މި ސަރަޙައްދުގެ ގަދަބާރެއްކަމަށް ބެލެވޭ ރާއްޖެއާއެކު ކުޅުނު މެޗްގައި، ދިވެހި ކައްޕިތާނު އަލީ އަޝްފާޤާއި ހަމަލާވެރިޔާ ތޯރިޤް މައިތިރި ނުކުރެވިގެން މުބާރާތުން ކަޓަން ޖެހުނެވެ.
ސެމީފައިނަލަށް ދަތުރުކުރި ޓީމްތައް
އިންޑިޔާއަށްފަހު މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ރާއްޖެއެވެ. މި މުބާރާތުގައި ރާއްޖެ ބައިވެރިވި އެއްވެސް ފަހަރަކު ގްރޫޕް މަރުޚަލާއިން ކަޓަންޖެހިފައި ނެތުމާއި، ވޭތުވެދިޔަ ދެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާތީ، މުބާރާތް ފެށުމުގެ ކުރިން ވެސް ރާއްޖެ މިމުބާރާތުގައި އެކަށީގެންވާ ކާމިޔާބެއް ހޯދާނޭ ކަމަށް އަންދާޒާކުރެވުނެވެ. ނަމަވެސް ނޭޕާލާއެކު މި މަރުޚަލާގެ ފުރަތަމަ މެޗްގައި ނޭޕާލްގެ މެދުތެރެއިން އުފައްދަމުންދިޔަ އަވަސް ހަމަލާތައް ދިފާޢުކުރުމަށް، ދިވެހި މެދުތެރެ ނާޤާބިލުވެފައިވާތަން ފެނުނެވެ.
އަދި މެޗްގެ ގިނަ ވަގުތު ނޭޕާލުން ކޮންޓްރޯލްކޮށްގެން ކުޅުނު މިމެޗުން ދިވެހިން ބަލިވާން ދަނީކަމަށް ހީކުރެވުނެވެ. ނަމަވެސް ދިވެހިންގެ ޓީމުގައި މިސަރަޚައްދުގެ އެންމެ ނުރައްކާތެރި ހަމަލާވެރިން ހިމެނޭތީ އާއި ދިވެހިންގެ ޓީމުގައި ހިމެނޭ އަލީ އަޝްފާޤަކީ އޭނާގެ ހުނަރުން މެޗެއްގެ ނަތީޖާ ބަދަލުކުރެވިދާނޭ ޤާބިލުކަން ހުރި ކުޅުންތެރިޔާކަމަށް ސަރަޚައްދުގެ ގިނަ ކޯޗުން ވެސް ޤަބޫލުކުރާތީ، އޭނާގެ ފަރާތުން ދައްކާ ޖާދުލަށް ބުރަވެ ދިވެހިން ބަލިވެދާނޭ ކަމަށް ވިސްނި ވިސްނުން ބަދަލުކުރަން ޖެހުނެވެ.
ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗުން އެއްވަރުވެ އެންމެ ފަހުމެޗްގައި ބަންގްލަދޭޝް އާއި ބައްދަލުކޮށް ވަރުގަދަ ކުޅުމެއް ކުޅެ ބަންގާޅުކޮޅަށް ތިން ގޯލްޖަހާ މޮޅުވެގެން ދިވެހިން މިގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުން ސެމީ ފައިނަލަށް ދަތުރުކުރި އެވެ.
ނޭޕާލް އަކީ މި ސަރަޚައްދު ގިނަ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ ޤައުމެއް ނަމަވެސް ސާފް ޗެމްޕިޔަންޝިޕް މުބާރާތަކީ މިހާތަނަށް އެ ޤައުމަށް ކާމިޔާބު މުބާރާތެއް ނޫނެވެ. މިނާކާމިޔާބީ ނައްތާލުމަށް މިއަހަރުގެ މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވީ ނޭޕާލުންނެވެ.
އިނގިރޭސި މޮޅު ކޯޗެއް ގެނެސް ޤައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތްތައް މީގެ މަސްތަކެއް ކުރިން އެ ޤައުމުން ކުރިއެވެ. އަދި މުބާރާތް ފެށުމުގެ ދެމަސްކުރިން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާ މުބާރާތަށް ފަރިތަކުރުމުގެ މެޗްތަކެއް ކުޅުމަށް ދެކުނު އޭޝިޔާގެ ޤައުމުތަކަށް ނޭޕާލުން ފަސް ހަފްތާގެ ދަތުރެއް ކުރިއެވެ.
މުބާރާތުގެ ގްރޫޕް މަރުޚަލާގެ ފުރަތަމަ މެޗްގައި ދިވެހިންނާއި އިދިކޮޅަށް ނޭޕާލުން ދެއްކި ކުޅުމުގެ ފެންވަރު ރަނގަޅުކަމުން މި މުބާރާތުގެ އެންމެ ވަރުގަދަ ޓީމަކީ ނޭޕާލުކަމަށް ބެލެވުނެވެ. ބަންގްލަދޭޝް އާއި އެކު ކުޅުނު މެޗުގައި ނޭޕާލް މޮޅުވި ނަމަވެސް މިޓީމުގެ ބަލިފައިތައް ބަންގްލަދޭޝް ކޯޗް ދެނެގަނެފައިވާކަން އެނގެނީ، ނޭޕާލްގެ ހަމަލަ އުފައްދާ މެދުތެރެ މައިތިރި ކޮށްފައިވާ ފުރިހަމަ ކަމާއި ދިފާޢީ އަރިމަތިތަކުން ހަމަލާއަށް އެރުން ހުއްޓުވާފައިވާ ގޮތުންނެވެ.
މިމެޗްގައި ބަންގްލަދޭޝް ނޭޕާލަށް ވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ނޭޕާލަށް ވުރެ ގިނަ ގޯލް ޖެހުމުގެ ފުރުސަތު ހޯދިއެވެ. ނޭޕާލް މި މަރުޚާލާއިން ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުޅުނު ދެމެޗުން އެއްވަރުވެ ބަންގްލަދޭޝް އަތުން އެއް ގޯލްގެ ތަފާތަކުން މޮޅުވެގެން ދެވަނަ ޓީމުގެ ގޮތުގައެވެ.
ސެމީ ފައިނަލްގައި ޓީމްތައް ވާދަކުރާނޭ ގޮތް
9 ޑިސެމްބަރ 2011 14:30 ދިވެހިރާއްޖެ އިންޑިޔާ
9 ޑިސެމްބަރ 2011 17:30 އަފްޤާނިސްތާން ނޭޕާލް