ކޮވިޑް-19 ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީއިން ނުނިކުމެ ބާކީ ތިބި ދެ ދިވެހިން އެ ސިޓީއިން ނެރެ އިންޑިއާގެ ދިއްލީގައި ކަރަންޓީނުކޮށްފި އެވެ.

އެ ވައިރަސް ފެތުރެން ފެށި އިރު، ވޫހާންގައި ތިބީ ޖުމްލަ ނުވަ ދިވެހިން ނަމަވެސް، ދެ ދިވެއްސަކު ރާއްޖެ އަންނަން އޭރު ބޭނުމެއް ނުވި އެވެ. އެހެންވެ، ވޫހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ސިޓީއިން ނެރުނު އިރު، އިވެކުއޭޓްކޮށް ދިއްލީއަށް ގެންދިޔައީ ހަތް ދިވެހިންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، ވޫހާންގައި ބާކީ ތިބި ދެ ދިވެހިން ވެސް، އެ ސިޓީއަށް ދިޔަ އިންޑިއާގެ އެއާފޯސް (އައިއޭއެފް)ގެ ފްލައިޓެއްގައި މިހާރު އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން އަނބުރާ ރާއްޖެ އަންނާނީ، ކަރަންޓީނުގެ މުއްދަތު ނިމުމުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ވޫހާންގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެނައި އިންޑިއާ އެއާފޯސްގެ މަތިންދާ ބޯޓާއި އޭގެއިން ގެނައި މީހުން ދިއްލީ އެއާޕޯޓްގައި: މި ބޯޓްގައި ވޫހާންގައި ތިބި ދެ ދިވެހިން ވެސް ދިއްލީއަށް ގެނައި -- ފޮޓޯ/ ވިއޯން

"އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖަޔަޝެންކަރަށް އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މިކަމުގައި އެހީވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ޝާހިދު ޓްވީޓް ކުރައްވާފައިވެ އެވެ.

ކަރަންޓީނުގެ މުއްދަތަކީ 14 ދުވަހެވެ.

ވޫހާންގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެނައި އިންޑިއާ އެއާފޯސްގެ މަތިންދާ ބޯޓާއި އޭގެއިން ގެނައި މީހުން ދިއްލީ އެއާޕޯޓްގައި: މި ބޯޓްގައި ވޫހާންގައި ތިބި ދެ ދިވެހިން ވެސް ދިއްލީއަށް ގެނައި -- ފޮޓޯ/ ވިއޯން

މީގެ ކުރިން ވޫހާންއިން ނެރުނު ހަތް ދިވެހިން ވެސް ވަނީ، އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރި އެވެ. އެ މީހުން ހެޔޮ ހާލުގައި އެނބުރި ރާއްޖެ އައީ މި މަހުގެ 18 ވަނަ ދުވަހު އެވެ.