އިޓަލީގެ އެންމެ ނުރައްކާތެރި 20 މާފިޔާ ލީޑަރުންގެ ތެރެއިން އެކަކު ފިލައިގެން އުޅޭތާ 15 އަހަރު ފަހުން އެ ގައުމުގެ ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ. އިޓަލީ ފުލުހުން އުމުރުން 53 އަހަރުގެ މާފިޔާ ލީޑަރު މިޝޭލް ޒަގާރިއާ ހޯދީ އޭނާ ފިލައިގެން އޮތް ބިންގަރާހަށް ބުލްޑޯޒަރާއި ކެރޭން ބޭނުންކޮށްގެން ވަދެ އެވެ.

"ކަޕަސްޓޯޓާގެ ނަމުން އިޓަލީގައި މަޝްހޫރުވެފައިވާ ޒަގާރިއާއަކީ އިޓަލީގެ މާފިޔާ ގޭންގްތަކުގެ ތެރެއިން އެންމެ ގިނައިން ލޭއޮހޮރުވުންތައް ހިންގާ އެއް ގޭންގު ކަމަށްވާ ކަސަލޭސީ ގޭންގުގެ އިސްވެރިއެކެވެ. ޑްރަގް މާކެޓްގެ ކޮންޓްރޯލް ހޯދުމަށްޓަކައި، ސެލޫނެއްގައި ތިބި އެފްރިކާގެ ހަ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލީ ވެސް އެ ގޭންގުންނެވެ.
ޒަގާރިއާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އުފާފާޅުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހުން ފަދަ ކަންތައްތައްކޮށްފަ އެވެ.

"ކަލޭމެން ކާމިޔާބުކޮށްފި، ދައުލަތަށް ކާމިޔާބު ވެއްޖެ،" ޒަގާރިއާ ހައްޔަރުކޮށް، އަތުގައި ބިޑިއަޅުވައިގެން އޭނާގެ ބިންގަރާހުން ނެރުނު ވަގުތު އޭނާ ބުނިކަމަށް ނޫސްތަކުގައިވެ އެވެ.

ޒަގާރިއާ ހައްޔަރުކުރީ ނޭޕްލްސްގެ އުތުރުގައި ވާ ކަސަޕެސޭނާ ނަމަކަށް ކިޔާ ރަށުގައެވެ. އެރަށަކީ އިޓަލީގެ އެހެން މާފިޔާ ގޭންގެއް ކަމަށްވާ ކަމޯރާގެ މަރުކަޒުތައް ހަދައިގެން އުޅޭ ރަށެކެވެ. އަދި އޭނާ މިހާރު ބަހައްޓާފައި ހުރީ ނޭޕްލްސްގައި ހުންނަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ފުލުހުންގެ ހެޑްކުއާޓަރެއްގަ އެވެ.

ޒަގާރިއާ ހައްޔަރުކުރުމުން އިޓަލީގެ އާ ޖަސްޓިސް މިނިސްޓަރު އާނާ މާރިއާ ޗާންސެލިއޭރީ ވަނީ ފުލުހުންނަށް ތައުރީފުކުރައްވާފަ އެވެ.

އިޓަލީއަކީ މާފިޔާ ގޭންގްތައް ގިނަ ކަމަށް މަޝްހޫރު ގައުމެކެވެ. އެފަދަ ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.