08 Dec 2011, 10:29
ސާދަ ގަޑިއިރުގެ ދިގު ބަހުސަކަށް ފަހު 2012 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ އިބްތިދާއީ ބަހުސް ރޭ ނިންމާލައިފި އެވެ.
ހޯމަ ދުވަހު ފެއްޓި ބަޖެޓް ބަހުސް ރޭ 10:00ގައި ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ރޭގެ ޖަލްސާ ހިމެނިގެން ދިޔައީ މިހާރު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ކުރިއަށްގެން ދިޔަ އެންމެ ދިގު ޖަލްސާ ކަމަށެވެ. ހެނދުނު ނުވައެއް ޖެހިރު ފެށި ޖަލްސާ ރޭ 10:00ގައި ނިމިފައިވާ އިރު ތާވަލްތަކަކަށް ބަހާލައިގެން 9:40 މިނިޓް ޖަލްސާ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަޖެޓް ބަހުސްގެ މަރުހަލާގައި ފުރުސަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުސަތު އެރުއްވި ކަމަށާއި އެގޮތުން ތިން ދުވަސް މަތިން 61 މެންބަރުން ބަޖެޓަށް ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ޝާޙިދު ވިދާޅުވި އެވެ. އަދި ބަޖެޓާ ބެހޭ ގޮތުން މެންބަރުން ފާޅުކުރެއްވި ހިޔާލުފުޅުތައް މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ބަޖެޓް ޖަލްސާއަށް ހުށަހަޅާނެ ކަމަށް ވެސް ޝާޙިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ބަޖެޓް ބަހުސްގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޖަލްސާ ހިނގަމުން ދިޔަ އިރު ކޯރަމް ބެލެހެއްޓެމުން ދިޔަ ކަމެވެ. އަދި ޑިމޮކްރަސީގެ ރީތި ސަގާފަތްތައް ގާއިމް ކުރެވެމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން ތިން ދުވަސްމަތިން ބަޖެޓާ ބެހޭ ގޮތުން ހޫނުބަހުސެއް ކުރެވެމުންދިޔަ އިރު ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް އަނެއް ޕާޓީގެ މެންބަރުން ދައްކަވަމުން ގެންދިޔަ ވާހަކަތައް ކެތްތެރިކަމާ އެކު އަޑުއައްސަވައި ބަލައިގަންނަމުން ގެންދެވިކަން އެއީ ފާހަގަ ކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް ވިދާޅުވި އެވެ. ބަހުސްގައި މެންބަރުން ދެއްވި އެއްބާރުލުމަށް ޝާޙިދު ވަނީ ޝުކުރު އަދާޅުރައްވައިފަ އެވެ.
ޝާޙިދު ވިދާޅުވީ ރޭގެ ޖަލްސާ ކުރިއަށް ދިޔަ އިރު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިނާއި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 14.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 10.87 ބިލިއަން ރުފިޔާ އެވެ. އަދި 17 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.
ބަޖެޓް ބަހުސްގައި އިދިކޮޅު ފަރާތްތަކުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ނެތް ބަޖެޓެއް ކަމަށް ވިދާޅުވެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނަމަވެސް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވިދާޅުވީ އެ ބަޖެޓަކީ ރައްޔިތުންނަށް ފައިދާއި މަންފާލިބި ގައުމަށް އިތުރު ކުރިއެރުންތައް ގެނުވާނެ ބަޖެޓެއް ކަމަށެވެ.