26 Feb 2020, 14:27
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެ މައްސަލަ ދިރާސާ ކުރަމުން އަންނަނީ ގައުމީ ސަލާމަތާއި ހަރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެންދުނު 10:00 އަށް ތާވަލު ކުރިއެއެވެ.
ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރުކުރުމެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފޮރިން މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރުމަށް ވަނީ ދައުވަތު އަރުވާފަ އެވެ.
އެ މައްދަލުވުން ފެށުމަށްފަހު ނިންމެވީ، ބައްދަލުވުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.
އެ ބައްދަލުވުން ސިއްރު ކުރި އިރު، މީގެ ކުރިންވެސް އެ ކޮމިޓީގެ އެ މައްސަލަ ދިރާސާ ކުރާ ބައެއް ބައްދަލުވުންތައް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި އެ ބިދޭސީން އަލުން ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ ޕްރޮގްރާމެއް ފަށާފަ އެވެ. މިމަހު ކުރީކޮޅު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އައިއިރު 31،000 ބިދޭސީން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ބިދޭސީން ރަޖިސްޓްރީވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރުން ވަނީ ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް މަނާކޮށްފަ އެވެ. އަދި ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުން ކަމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ، ބޮޑު މައްސަލައެކެވެ. އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.