07 Dec 2011, 23:07
ދައުލަތުގެ ބަޖެޓްގައި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ކަނޑައަޅާފައިވާ ފައިސާގެ ތަފްސީލުތަކާއި މިދިޔަ އަހަރުގެ ބަޖެޓުން ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ބައެއް ތަފްސީލުތައް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަ ނޭޅުމުން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ދައުލަތުގެ ބަޖެޓުގައި މިނިސްޓްރީތަކަށާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ 62 ކުންފުންޏަކަށް ކަނޑައަޅާފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް މަޖިލީހުން ފިނޭންސަށް ހުށަހެޅުމުން ކުންފުނިތަކުގެ ތަފްސީލު މަޖިލީހަށް ފޮނުވާފައެއް ނުވެ އެވެ.
ކުންފުނިތަކުގެ ތަފްސީލްތަކާއި ބައެއް މުއައްސަސާތަކުގެ ތަފްސީލްތައް ކޮމެޓީ އަށް ނުލިބޭތީ މެންބަރުން ވަނީ މިރޭ ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ތަފްސީލްތައް ނުލިބުމުގެ ސަބަބުން ބަޖެޓްގެ މަސައްކަތް ނުނިމި ކޮމެޓީގެ މަސައްކަތް ދިގުލައިގެންދާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.
މެންރުންގެ ޝަކުވާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ކޮމެޓިގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މާދަމާ 10:00އަށް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ކޮމެޓީ އަށް ހާޒިރުވި އަށް މެންބަރުންގެ އިއްތިފާގުން ފާސްވީ އިނާޒު ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.
ފިނޭންސުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބަޖެޓްގެ ބައެއް ތަފްސީލް މަޖިލީހަށް ހުށަނޭޅުނީ ކޮމެޓީން ސިޓީ ފޮނުވާފައި ވަނީ ސަރުކާރު އޮފީސްތަކުގެ މަސައްކަތް ނުކުރާ ވަގުތެއްގައި ކަމަށްވާތީ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މަޑުއްވަރީ ދާއިރާގެ ވިސާމް އަލީ ވިދާޅުވީ ކުންފުނިތަކަށް ހަރުދުވާ ފައިސާގެ ތަފްސީލްތަކާއި ފައިސާ ހަރަދުވާގޮތް ބަޖެޓް ކޮމެޓީއަށް ނާންގާހާ ހިނދަކު، ބަޖެޓް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ތަފްސީލްތައް ހޯދަން އެދިފައިވާ 62 ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކެއް ކަމަށް ވާތީ ކޮންމެހެން ވެސް އެ ތަފްސީލް ކޮމެޓީއަށް ބޭނުންވާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ބަޖެޓްގައި އެމްއެންބީސީއަށް ފައިސާ ކަނޑައަޅާފައިވާ ކަމަށާއި އެ ތަފްސީލްތައް ބޭނުންވާ ކަމަށް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމަށް ދަންނަވަވައިފަ އެވެ. އަދި އެންސްޕާ އަށާއި އެހެލްތު ކޯޕަރޭޝަންތަކުގެ ބަޖެޓްގެ ތަފްސީލު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުން ސަބްސިޑީ ދެއްވަމުން ގެންދަވާ ފަރާތްތަކުގެ ތަފްސީލްތައް ހޯއްދެވުމަށް ވެސް ރިޔާޒް އެދިވަޑައިގެންނެވި އެވެ.
ގާސިމް ވިދާޅުވީ މާދަމާ ކޮމެޓީ އަށް އިނާޒު ހާޒިރު ކުރުމުން އެ ހުރިހާ ސުވާލަކަށް ވަގުތުން ޖަވާބު ލިބޭނެ ކަމަށެވެ.
މާދަމާ އިން ފެށިގެން ކޮމެޓީގެ މަސައްކަތްތައް ހިނގާ ކޮންމެ ދުވަހު ބަޖެޓްގެ ތަފްސީލްތައް ލިބެންދެން އިނާޒު ކޮމެޓީގައި ހޭދަ ކުރައްވަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ބަޖެޓް ކޮމެޓީގެ ބަހުސް މިއަދު ހެނދުނު ފަށާފައިވާ އިރު، މިރޭ ވެސް ޖަލްސާ ބާއްވައިގެން ބަޖެޓްގެ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަވާފައިވެ އެވެ.