ފުލުހުންގެ މަސައްކަތަށް "ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ގައިގައި ހަރުކުރާ ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ ޓްރަޔަލް އަކަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި މިހާރު ކެމެރާ ހަރުކޮށް، އެ ޓެކްނޮލޮޖީ ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

ގައިގައި ހަރުކުރާ ކެމެރާއަކީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ވަސީލަތެއްކަން ހަމީދު ފާހަގަކުރެއްވި އެވެ.

އެގޮތުން އާންމުންނާ މުއާމާލާތް ކުރުމާއި، ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާ ކަމަށެވެ.

މި ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު ބޮޑީ ކެމެރާ ބޭނުންކުރުން ފުޅާކުރުމުގެ ވިސްނުން ހުރިކަން ސީޕީ ވަނީ ފާހަގަކުރައްވައިފަ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ވެސް އަންނަނީ ބޮޑީ ކެމެރާ ބޭނުންކުރަމުންނެވެ.