އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ އިންޑިއާގެ ޖީއެމްއާރުން ދިވެހި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ޖީއެމްއާރުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް ގައުމީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސިޓީއެއް ފޮނުވަން ފައްޓައިފި އެވެ.

އެގޮތަށް ގައުމީ ޕާޓީން މަޖިލީހުގައި އެދެން ފެށީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަކި ވަކިން މިއަދު ފޮނުވަން ފަށާފައިވާ ހަތް ސޮފްހާގެ ދިގު ސިޓީއެއްގަ އެވެ.

ސަން އަށް ވެސް ކޮޕީ ލިބިފައިވާ އެ ސިޓީގައި، މިދިޔަ އަހަރުގެ ޖޫން މަހު ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކު އެއާޕޯޓް ހިންގުމަށް ވެފައިވާ އެއްބަސްވުމާ ހިލާފަށް އަދި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ގޮތަށް ޖީއެމްއާރުން ހިންގާ މައިގަނޑު ފަސް ނުކުތާއެއް ވަނީ މެންބަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން އެއްވެސް ބަލައިލުމެއް ނެތި އެއާޕޯޓުން ދެމުން އަންނަ ހިދުމަތްތަކުގެ ފީބޮޑުކޮށް އަދި އެކި ނަންމުގައި ތަފާތު އައު ފީތައް ނަގާ މައްސަލަ އާއި އެއާޕޯޓުގައި ދިވެހިންގެ ވިޔަފާރިތަކަށް ފުރުސަތު ހަނި ކުރާ މައްސަލަ އާއި އެއްވެސް ސަބަބެއް ނެތި ދިވެހިން ވަޒީފާ އިން ވަކިކޮށް ބޭރު މީހުންނަށް ވަޒީފާދޭ މައްސަލަ އަދި އެއާޕޯޓުން ސަރުކާރަށް ލިބޭ ފައިދާ ދަށްވާ ގޮތަށް ބޮޑު އަގުގައި އައު ޓާމިނަލް އަޅައި ސަރަހައްދު ވަކި ކުންފުންޏަކަށް ދީގެން ހިންގާ މައްސަލަ އެވެ.

އެ މައްސަލަތަކާ ގުޅިގެން ޖީއެމްއާރުގެ އިސްވެރިން މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް އެ ސިޓީގައި ގައުމީ ޕާޓީން ވަނީ މެންބަރުންގެ ކިބައިން އެދިފަ އެވެ. އަދި ނުބައްދަލު ބޮޑަތި ފީތަކެއް ޖީއެމްއާރުން ނެގުން ހުއްޓުވުމަށް މަޖިލީހުން ފިޔަވަޅުތަކެއް އެޅުމަށާއި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ނެގޭނީ އެއާޕޯޓު ޑިވަލޮޕް ކުރާ ފަހުން ކަމަށް ހަމަޖެއްސުމަށް ވެސް މަޖިލީހުގެ ކިބައިން ވަނީ އެދިފަ އެވެ. އަދިވެސް އެ ޕާޓީން އެދިފައި ވަނީ ޖީއެމްއާރަށް ލިބޭފައިދާގެ ބައެއް ރާއްޖެ އިން ބޭރަށް ނުގެންދެވޭ ގޮތަށް ހަމަޖެއްސުމަށާއި އޭޑީސީ ނަގަން ހުއްދަދިން ނަމަވެސް އޭޑީސީއެއް ނެގޭނީ އެއާޕޯޓުގެ އެހެން ބައިތަކުން ލިބޭ އެއްޗަކުން އެއާޕޯޓު ޑިވަލޮޕް ކުރަން ހަރަދުކުރި އެއްޗެއް ފޫނުބެދޭނެތީ ކަމަށް ހަމަޖެއްސުމަށް ވެސް މަޖިލީހުން ނިންމުމަށް އެދިފަ އެވެ.

ގައުމީ ޕާޓީގެ ސިޓީގައި ޖީއެމްއާރުން ނުއަގުގައި ބޮޑަތި ފީތަކެއް ނަގާތީ އޭގެ ސަބަބުން މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމަށް ބޮޑަތި ގެއްލުންތަކެއް ލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އަގުތައް ބޮޑުވެފައި ވާތީ ބޮޑަތި ޓުއާ އޮޕަރޭޓަރުން ރާއްޖެ އަށް ޓޫރިސްޓުން ފޮނުވުމުގެ ބަދަލުގައި ރާއްޖެއާ ވާދަވެރި އެހެން މަންޒިލްތަކަށް ޓޫރިސްޓުން ފޮނުވަން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފައި ކަމަށް އެ ސިޓީގައި ބުނެ އެވެ. ޖީއެމްއާރުން ތެލުގެ އަގު ދުވަހެއް ދުވަހަކަށް އަގުބޮޑުކުރަނީ އެ ކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯ އިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްގެން ނޫންކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ދިވެހިންނަށް އެއާޕޯޓުގައި ފުރުސަތު ނެތް ކަން ފާހަގަ ކުރަމުން ގައުމީ ޕާޓީން ބުނީ އެއާޕޯޓުގެ ޑިއުޓީ ފުރީތަކުން ދިވެހިން ބޭރުކޮށް އަދި މުދާ ކުލިއާ ކުރާ ކުންފުނިތައް ވެސް އެއާޕޯޓުން ބޭރުކުރާ ކަމަށެވެ. އަދި ބުނަނީ "ޖީއެމްއާރުން ވި އެއްބަސްވުމުގައި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒިފުންގެ ތެރެއިން އިސް ދެ މީހަކު ފިޔަވައި ދެން ތިބި ދެ މީހުންނަކީ ރާއްޖޭގެ މީހުން ކަމަށް ހަމަޖެއްސުމަށް އެއްބަސްވެފައިވީ ނަމަވެސް އިސް މަގާމުތަކުގައި ތިބި 35 މުވައްޒަފުންނަކީ" ކޮން ގައުމުތަކުގެ ބައެއްތޯ އާއި މެދު ވެސް ގައުމީ ޕާޓީން ވަނީ ސުވާލުއުފައްދައިފަ އެވެ.

މަޖިލީހުގެ މެންބަރުންގެ ކިބައިން ޖީއެމްއާރުގެ މައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް އެދުނު އިރު އެ މައްސަލަ ގައުމީ ޕާޓީން ވަނީ ކޯޓަށް ވެސް ވައްދައިފަ އެވެ.