ސަރުކާރުގެ ހަރަދުތައް ހަރުދަނާކޮށް ކުރިއަށް ގެންދަން ތަޖުރިބާކާރާކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާންއެއްގައި ބުނީ އެ މިނިސްޓްރީގައި ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗަރ ޕޮލިސީ ޔުނިޓެއް ގާއިމުކޮށް އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އެ މިނިސްޓްރީގެ ފަރާތުން އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ([email protected]) އަށް ނުވަތަ ފެކްސް (1617) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ބުނެފަ އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާގެ ފަތުރުވެރިން ރާއްޖެއައުން ވަނީ މަޑުޖެހިފަ އެވެ. އެހެންކަމުން ސަރުކާރުން މިހާރު ވަނީ ހަރަދުތައް ވީހާ ވެސް ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިފަ އެވެ.