07 Dec 2011, 21:44
ނިއުދިއްލީން: މުހައްމަދު ޝާން
ބޭނުން ވަނީ ދިވެހިރާއްޖެ އަތް ދަށުން ސަލާމަތްވެ، މުބާރާތުގެ ފައިނަލަށް ދަތުރު ކުރަން ކަމަށް އިންޑިޔާގެ ކޯޗް ސަވިއޯ މެދިރާ ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑީން 2:30 ގައި އިންޑިޔާގެ ވެރިރަށް ނެހެރޫ ސްޓޭޑިޔަމްގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު، އިންޑިޔާގެ ކޯޗް ސަވިއޯ މިއަދު ސަންއޮންލައިނަށް ދިން އިންޓަވިއުއެއްގައި ބުނީ، ރާއްޖެ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި ސެމީއަށް ރާއްޖެ ދަތުރު ކުރީ ވެސް މުބާރާތުގައި ވާދަކުރި މޮޅެތި ޓީމްތައް ރޮއްވާލާ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކަމަށެވެ.
"ރާއްޖެ ބަލިކުރަން ވަރަށް އުދަގޫވާނެ. އަހަރުމެން މަސައްކަތް ކުރާނީ ރާއްޖެ އަތް ދަށުނުވެ، ސެމީއިން މޮޅެއް ހޯދާ ފައިނަލަށް ދިއުމަށް." ސަވިއޯ ބުންޏެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި މިއަދު ލަންކާ އަތުން 3-0 ލަނޑުން އިންޑިޔާ މޮޅު ވުމުން ސަވިއޯ ބުނީ، މުބާރާތުގެ ސެމީގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ޓީމުގެ ބައެއް ކުޅުން ތެރިންނަށް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށާއި ސެމީ އަށް ތައްޔާރު ވުމަށް ލިބިފައިމިވާ އެއްދުވަހުގެ ތެރޭގައި އެކުޅުންތެރިން ރިކަވާ ވާން އުނދަގޫ ވާނެ ކަމަށެވެ.
ސަވިއޯ ބުނީ، ރާއްޖެ ޓީމުގައި ޖެހެލުން ވާވަރުގެ މާ ގިނަ ކުޅުންތެރިން ނެތް ކަމުގައި ވިޔަސް ފޯވާޑް އަލީ އަޝްފާގް ދަނގަޑޭއާއި މިޑްފީލްޑަރު މުޙައްމަދު އާރިފް(ބަކާ) އަކީ އިންޑިޔާ ކުޅުންތެރިން ސަމާލު ވާންޖެހޭ ވަރުގެ ދެ ކުޅުން ތެރިން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ދެ ޓީމުގެ ބޮޑު ކުރިމަތިލުމަށް ދެ ޓީމުން ތައްޔާރުވާއިރު މި ގައުމު އެންމެ ފަހުން ބައްދަލުކުރީ ހުސްވި އަހަރުގެ ފައިނަލުގަ އެވެ. ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވިއިރު އޭގެ ކުރީ އަހަރުގެ ފައިނަލްގައި އިންޑިޔާ ހައިރާންކޮށްލާފައި ސަހަރައްދުގެ ތާޖު ހޯދީ ރާއްޖެ އެވެ. އެ ޓީމުގައި ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރުގެ ޓީމުގައި ވެސް ތިބުމުން ކުޅުންތެރިންގެ އިތުބާރާއި ޔަގީންކަން ބޮޑުކަމަށް އެންމެ ބޮޑަށް އެއް ބަސްވަނީ މިހާރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.