އަށާރަ އަހަރަށްފަހު ރާއްޖޭގެ މަޖިލިސް މެމްބަރެއްގެ އިންސާނީ ހައްގު ގެއްލިގެން އިންޓަ- ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)އަށް މިއަހަރު ހުށަހަޅާފައި ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ މަޖިލިސް މެމްބަރެއްގެ ހައްގުތައް ގެއްލުނު މައްސަލައެއް އައިޕީޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްގައި 2002 ވަނަ އަހަރުން ފެށިގެން ނެތި ދާ ފުރަތަމަ ފަހަރުކަމަށެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ މިހާރުގެ ހާލަތާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުން ހިއުމަން ރައިޓްސް ކައުންސިލްގައި ޝާހިދު ވާހަކަ ދެއްކެވި އެވެ.

"މިއީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަމުގެ ހެއްކެއް،" މިނިސްޓަރ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގައި މަޖިލިސް މެމްބަރެއްގެ ހައްގުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލައެއް މިވަގުތު ނެތްކަން އަންގަވައި، އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން މަޖިލިސް ރައީސްއަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.

އައިޕީޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްއަކީ މެމްބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކޮށް، ބަރުލަމާނީ ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ އައިޕީޔޫގެ ކޮމިޓީ އެވެ. އެ ކޮމިޓީއިން ރާއްޖޭގެ މައްސަލައިގައި އެންމެފަހުން ކަންބޮޑުވުން ފާޅުކޮށް، މައްސަލައެއްގެ ގޮތުގައި ނަގާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ސަލާމަތީ ބާރުތަކުގެ ބާރުގެ ދަށަށް ގެނެސް، މަޖިލީހުގެ ބައެއް މެމްބަރުންނަށް މަޖިލިސް އިދާރާއަށް ވަނަނުދިން މައްސަލައިގަ އެވެ.