ނިއުދިއްލީން: މުހައްމަދު ޝާން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މޮޅުކުޅުންތެރިޔާގެ މަަޤާމް ހޯދާނެ ކުޅުންތެރިއަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ކަމަށް މުބާރާތް ކަވާކުރުމަށްޓަކައި ދިއްލީގައިި ހަރަކާތްތެރިވާ ބޭރުގެ ބައެއް ނޫސްވެރިން ބުނަން ފަށައިފި އެވެ.

މުބާރާތް ކަވަކުރުމަށްޓަކައި މިވަގުތު ދިއްލީގައި ހަރަކާތްތެރިވާ ސާކް ޤައުމުތަކުގެ ބައެއް ނޫސް ވެރިން ބުނާގޮތުން، އަޝްފާގަކީ މުބާރާތުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުންއަންނަ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅެ ނިމުނު އިރު، ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުން ތެރިއެއް ކަމަށް ވެސް ބޭރުގެ ބައެއް ނޫސް ވެރިން ވަނީ ބުނެފައެވެ.

މިފަހަރުގެ މުބާރާތް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ލަންކާގެ ނޫސްވެރިންތަކެއް ބުނީ، އަޝްފާގަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ރާއްޖެ ކުޅޭ މެޗެއްގައި އިދިކޮޅަށް ނިކުންނަ އެއް ވެސް ޓީމަކުން އޭނާ ހިފަހައްޓާލެވޭ ވަރުގެ ކުޅުންތެރިއަކު މިފަހަރުގެ މުބާރާތުގައި އަދި ނުފެންނަ ކަމަށެވެ. އަދި އަޝްފާގަށް ބޯޅަ ލިބުމުން އިދިކޮޅު ޓީމުގެ ކުޅުންތެރިން ޖެހިލުންވެ، ބޯޅަ ހޯދުމަށް އނުދަގޫތަކާ ކުރިމަތިލާ މަންޒަރުވެސް ފެނިފައިވާކަމަށް ލަންކާގެ ނޫސްވެރިން ވަނީ ބުނެފައެވެ.

"އިންޑިޔާގެ ފޯވާޑް ޗެތުރީއަށް ވުރެ އަޝްފާގް މާމޮޅު. ޗެތުރީ އަކަށް އަޝްފާގު ކުރާވަރަކަށް މަސައްކަތެއް ނުކުރެވެ" ލަންކާގެ ނޫސްވެރިން ބުންޏެވެ.
ނޭޕާލްގެ ނޫސް ވެރިޔަކު ބުނީ، އަލީ އަޝްފާގަކީ ކުޅިބަލަން ދަނޑަށް ވަންނަ ސަޕޯޓަރުން ވެސް ހައިރާން ކޮށްލާވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާއަކީ ސަރަހައްދުގެ ރޮނާލްޑޯ ކަމަށެވެ.

"އަސްފާގް ވަރަށް މޮޅު. އެއީ ސަރަހައްދުގެ ރޮނާލްޑޯ އޭނަގެ ދުވެލިވެސް ވަރަށް ބާރު. ބޯޅަ ގެންގުޅޭ ގޮތް ވެސް ވަރަށް މޮޅު. ބޯޅަ ހިފައިގެން ކުޅުންތެރިން ކާރިން ނައްޓާލާގޮތަކީ އޭނަ ދައްކާ އެންމެ މޮޅު ހުނަރު. އޭނަގެ ކުޅުން ވަރަށް ބަލާހިތްވޭ" ނޭޕާލްގެ ނޫސްވެރިޔަކު ބުންޏެވެ.

އިންޑިޔާގެ ގޯލް ޑޮޓް ކޮމްގައި މަސައްކަތް ކުރާ ރާހޫލް ބުނީ، ގްރޫޕް ސްޓޭޖްގެ ކުޅުން ނުމުނު އިރު އެންމެ މޮޅުކަމަށް ފާހަގަވި ކުޅުންތެރިންގެ ތެރޭގައި އަޝްފާގް ހިމެނޭ ކަމަށާއި އަދި ކުރިންވެސް އަޝްފާގަކީ މޮޅު ކުޅުންތެރިއެއް ކަން އިނގޭ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި އަޝްފާގުގެ ކުޅުން ހަމަލޮލުން ބަލާލުމުން އޭނާގެ ކުޅުން މޮޅުކަމަށް ޤަބޫލް ކުރެއްވިއްޖެ ކަމަށް ރާހޫލް ބުންޏެވެ.

މިފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަޝްފާގަށް ލިބޭނެ ކަަމަށް ގިނަ ބަޔަކުން ބުނަމުން ދާއިރު، އޭނަ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފައެވެ. އަދި އަޝްފާގް ވަނީ މުބާރާތުގައި ރާއްޖެއަށް ދެ ގޯލް ވެސް ކާމިޔާބު ކޮށްދީފައެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާ އަޝްފާގާއި އެއްވަރަށް މުބާރާތުގެ އެންމެ ގިނަ، މެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމް ހޯދާފައި ވަނީ އިންޑިޔާގެ ސުނިލް ޗެތުރީއެވެ. އަދި ޗެތުރީ ވަނީ ގްރޫޕް ސްޓޭޖްގައިި އިންޑިޔާއަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ.