25 Feb 2020, 17:23
އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.
ރާއްޖެއިން ކުރިމަތިލަނީ 2023 އިން 2025 އަށް ކުރިއަށްދާނެ ކައުންސިލް ދައުރުގެ ގޮނޑިއަކަށެވެ. އެކަން އިއުލާނު ކުރެއްވީ މިހާރު ކުރިއަށްދާ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިނިސްޓަރު ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީގީންކަން އަރުވައި، މެމްބަރު ގައުމުތަކުގެ އަޑު އުފުލައިދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ފުރިހަމަކޮށްފައިވެއެވެ.
އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާ ބެހޭ ހުރި ގުޅުން ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް އުފެދިގެން ދިޔައެވެ.
ރާއްޖޭގެ މެމްބަރޝިޕް އިއުލާންކުރެއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި، މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.