މީހުން ޓްރެފިކްކުރުން (އިންސާނީ ވަގުފާރި) ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިންގ ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ އެކްޝަން ޕްލޭން ފާސްކޮށްފައި ވަނީ މިއަދު ކުރިއަށް ދިޔަ ކެބިނެޓް ވޯކިން ސެޝަންގައި އެ ޕްލޭނާބެހޭ މައުލޫމާތު، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިންގ ކޮމިޓީން ވަޒީރުންނާ ހިއްސާ ކުރުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލަށް އެކުލަވާލި ނޭޝަނަލް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ފިޔަވަޅުތައް އަވަހަށް އެޅުމުގެ މުހިއްމުކަން މެމްބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

ސްޓިއަރިންގ ކޮމިޓީން، އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުއެވެ. މި އެކްޝަން ޕްލޭން ހިނގާނީ 30 މާޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައެވެ.

އެ އެކްޝަން ޕްލޭންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ. އެގޮތުން އެކްޝަން ޕްލޭން ހިނގާ މުއްދަތުގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކަކީ:

  • މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުން،

  • މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިންގ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ގާނޫނަށް އިސްލާހު ގެނައުން،
  • ސްޓިއަރިންގ ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ގާއިމްކުރުން،
  • މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް އަލުން ގާއިމުކުރުން

މީގެ އިތުރުން، ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓާ ކުރުން އިތުރުކުރުމާއި، ތަހުގީގުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ އަދަދު އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް، ޓްރެފިކިންގ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުން ހިމެނެއެވެ.

ހަމައެއާއެކު ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ އިން ފާހަގަކުރާ ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕާސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިންގ ކޮމިޓީން އިސްނަގައިގެން ރާއްޖޭގައިވެސް ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.