25 Feb 2020, 17:21
އޭޑީކޭ ހޮސްޕިޓަލުން ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް ތައާރަފުކޮށް، ޑިޖިޓަލް ސަބްޓްރެކްޝަން އެންޖިއޯގްރަފީ (ޑީއެސްއޭ)ގެ 12 ޓެސްޓެއް ހަދާފައިވާ ކަމަށް އޭޑީކޭއިން ބުނެފިއެވެ.
މިއަދު އޭޑީކޭ ހޮސްޕިޓަލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ވިފާޅުވީ 12 ފަރާތެއްގެ ޑީއެސްއޭ ހަދާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އިތުރު ޕްރޮސީޖާއެއް ހަދަން ޖެހިފައިވަނީ ތިން މީހެއްގެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ހެދި ތިން ޕްރޮސީޖާއަކީ ތިން ވައްތަރެއްގެ ތިން ޕްރޮސީޖާ ކަމަށް ނިޔާފް ވިދާޅުވިއެވެ.
"ފުރަތަމަ ޕްރޮސީޖާއަކީ އެނިއުރިޒަމް ކޮއިލިން، ދެވަނަ ޕްރޮސީޖާއަކަށް މި ހެދީ ކެރިޓިޑް އާޓެރީއާ ގުޅުންހުރި. އަދި ތިންވަނަ ޕްރޮސީޖާއަކީ އެނިއުރިޒަމް ސްޓެމް އެސިސްޓެޑް ކޮއިލިން،" ނިޔާފް ވިދާޅުވިއެވެ.
ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތަކީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިތައް ބްލޮކްވުން ފަދަ ހާލަތްތައް ދެނެގަންނާނެ ހިދުމަތެކެވެ.
އެގޮތުން އެފަދާ ހާލަތްތަކުގައި ބްލޮކްވާން ކައިރިވެފައިހުރި ލޭހޮޅިތައް ދެނެގަނެ އެކި މައުދަންތައްކުން ހަދާފައި ހުންނަ ސްޓެންޓް ލައްވައި ނުނީ ކްލިޕް ކުރުން މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ކުރެވޭނެ އެވެ.
އެހެންނަމަވެސް އެ ހިދުމަތަކީ އަގުބޮޑު ހިދުމަތެއް ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ އެ ހިދުމަތަކީ އަގުހެޔޮ ހިދުމަތެއް ނޫން ކަމަށެވެ. އަދި އާސަންދައިން އެއިން އެއްވެސް ހިދުމަތެއް އަދި ކަވަރުކޮށް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާސަންދަ މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު އާސަންދާއަށް އެ ޕްރޮސީޖާތަކުގެ އަގުތައް ވަނީ ހުށަހަޅާފައި ކަމަށް އައްފާލު ވިދާޅުވިއެވެ. އެފަދަ މަސައްކަތްތަކަކީ އަދި ވަގުތު ނަގާނެ މަސައްކަތްތައް ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.