އިޒުރޭލާ އެކު ރާއްޖެ އިން ގުޅުންބަދަހި ކުރަމުން ގޮސް އިޒުރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިސްރާއީލް" ރާއްޖެ އަށް އުދުހުމުގެ ހުއްދަދިނުމަށް ފަހު، އަންނަ ހަފްތާ އިން ފެށިގެން އިޒުރޭލުގެ އެއާލައިން ހުޅުލެ އަށް ޖައްސާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރާއްޖެއާ ދެމެދު އިޒްރޭލުގެ އެއާލަ އިން އުދުހެން ފަށައިފި ނަމަ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ސަމާލުކަމަށް އެ މައްސަލަ އަދާލަތު ޕާޓީން މިއަދު ގެނެސްފި އެވެ.

އެލްއަލް އިސްލާއީލް ރާއްޖެ އަށް އުދުހެން ފަށާތީ ގައުމީ ސަލާމަތުގެ ކޮމެޓީގެ ސަމާލު ކަމަށް އެ މައްސަލަ ގެނެސްފައި ވަނީ އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދަށް އަދާލަތުން މިއަދު ފޮނުވި ސިޓީއެއްގަ އެވެ. ސިޓީގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ވިދާޅުވެފައި ވަނީ އިޒުރޭލުގެ އެއާލައިން ހުޅުލެއަށް ޖައްސާ ވަގުތު ހުޅުލޭ ރަންވޭގެ ދެކޮޅުގައި ދެ ކޯސްޓްގާޑް ފޯރިމެރުމާއި ބަރު ހަތިޔާރުއެޅި އުޅަނދެއް ރަންވޭ މަތީގައި އޮތުމާއި ހަތިޔާރު އެޅި ސިފައިން ޓާމިނަލްގެ ތެރޭގައި ތިބުމާއި ހަތިޔާރު އަޅައިގެން އާދައިގެ ހެދުމުގައި ހުޅުލޭގެ އެތަންމިތާގައި ފޯރި މަރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފްލައިޓުން އަންނަ އިޒުރޭލުގެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ސަރުކާރުން ޝަރުތުކޮށްފައިވާ ކަމަށް ޑރ. މައުރޫފު ވިދާޅުވި އެވެ.

ރާއްޖެ އަންނަ އިޒުރޭލުގެ ފްލައިޓްގައި ހަތިޔާރުއެޅި ސިފައިން ތިބޭނެ ކަމަށް ވެސް އެނގިފައިވާ ކަމަށް ޑރ. މައުރޫފު ވިދާޅުވެފައިވެ އެވެ.

"އިޒުރޭލުގެ ދިދައިގެ ހިމާޔަތުގައި އެ ފްލައިޓުގައި އެ މީހުންގެ ހަތިޔާރުއެޅި ސިފައިން ތިބޭނެ ކަން ވެސް އެނގިފައިވެ އެވެ. ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަދި ހުޅުލޭގެ ސެކިއުރިޓީ އަށް ނުރައްކާ ކުރުމަށް ފަހު ހިންގޭ އޮޕަރޭޝަނުން ދިވެހިރާޢްޖެ އަށް ލިބޭނީ ކޮން ފައިސާއެއްތޯ އެވެ. އިޒްލޭލަކީ އިގްތިސާދީ ގޮތުންވެސް ނުވަތަ ފުތުރުވެރިކަމުގެ ގޮތުން ވެސް ދުނިޔޭގައި ފާހަގަ ކުރެވޭ ގައުމެއް ނޫނެވެ. އެމީހުން ފާހަގަ ކުރެވޭނީ ހަމައެކަނި ރޮނގަކީ އަނިޔާވެރި ކަމާއި ނޭއްގާނީ ކަމެވެ،" އިޒުރޭލަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވީ އިޒުރޭލުގެ "އެލްއަލް އިސްރާއީލް"ގެ އޮޕަރޭޝަންތައް ރާއްޖެ ފަށާނެ ވަކި ތާރީހެއް ކަނޑައެޅިގެން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މި މަހުގެ ތެރޭގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިޒުރޭލުގެ ބޯޓް ޖައްސާ އިރު، އަދާލަތުން ތުހުމަތު ކުރާ ސަލާމަތީ ކަންކަން ކަމާ ބެހޭ ގޮތުން އާދިލް ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިޒުރޭލުގެ އެއާލަ އިން ރާއްޖެ އަށް އުދުހެން ފަށައިފި ނަމަ އިގްތިސާދީ ގޮތުން ރާއްޖެ އަށް ލިބޭނެ ގެއްލުންތަކެއް ވެސް އަދާލަތުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިޒުރޭލުން ރާއްޖެ އަށް އުދުހެން ފަށައިފި ނަމަ ހަނރުރާމަވެރީންގެ ލޯތައް ރާއްޖެއާ ދިމާލަށް ހުޓޭނެ ކަމަށާއި ޓެރެރިޒަމްގެ އަމަލްތައް ހިގަންފަށާފާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އަހަރަކު 10 ޕަސެންޓާއި 36 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދިއުމަކީ އެކަށީގެންވެ އެވެ. ނަތީއްޖާއެއްގެ ގޮތުން 200 މިލިއަން ޑޮލަރާއި 1080 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އޯއައިސީގައި ހިމެނޭ މުސްލިން 57 ގައުމުގެ ތެރެއިން އިޒުރޭލުގެ އެއާލައިނުން އުދުހުމުގެ ހުއްދަ ދީފައި ވަނީ އެންމެ ހަތަރު ގައުމަކަށް ކަމަށް ސިޓީގައި ބުނެ އެވެ. އެއީ މިސްރާއި ޖޯޑަން އާއި އުޒުބަކިސްތާނާއި ތުރުކީ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތުގެ ކޮމެޓީގެ މުގައްރިރަށް ފޮނުވި ސިޓީގައި ޅ. ދިއްފުށީ މާދޫގައި ހަދަމުންދާ ޕޮލިސް އެކެޑަމީއަކީ އިޒުރޭލާ ގުޅިގެން ހަދަމުންދާ ތަނެއް ކަމަށާއި ދަނޑުވެރިކަން ކުރުމުގެ ނަމުގައި އިޒްރޭލުގެ މީހުންނަށް ރާއްޖޭގެ ރަށްތައް ދިނުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އިޒުރޭލުގެ އެއާލައިން އުދުހުމަކީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލަށް ވާތީ އެ މައްސަލަތައް ސީރިއަށްކޮށް ބައްލަވައި އެކަމާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްމުށް އަދާލަތުން އިލްތިމާސްކޮށްފައިވެ އެވެ.