10:00


މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލް ފިލްޕްސް ވެސް އިނގިރޭސިވިލާތަށް އެރުން މަނާކޮށްފި އެވެ.


އިނގިރޭސި ސަރުކާރުން ދާދި ފަހުން ވަނީ ދީނީ ތަގުރީރު ދެއްވާ މަޝްހޫރު އިލްމްވެރިޔާ ޑރ. ޒާކިރު ނައިކު ވެސް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދެއްވެން ނެތް ކަމަށް ބުނެފަ އެވެ.


ކެނެޑާއަށް އުފަން ޑރ. ބިލާލް ފިލިޕްސް އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައި ވަނީ، ޑރ. ޒާކިރް ނައިކް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ކުރިން ފޯނުން ގުޅުއްވާ އޭނާއަށް ގައުމަށް ވަނުމުގެ ހުއްދަ ދެވެން ނެތްކަން އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓްރީ އެންގެވި ނަމަވެސް، ޑރ. ބިލާލް އިނގިރޭސިވިލާތަށް އެރުން މަނާކޮށްފައިވާކަން އެންގީ މިދިޔަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޤުރުއާން ކޮންފަރެންސެއްގައި ތަގްރީރްކުރެއްވުމަށް ހޮނިހިރު ދުވަހު ހެނދުނު އެ ގައުމަށް ވަޑައިގަތުމުން، އެއާޕޯޓުގައި ކަމަށެވެ. އަދި ހަމަ އެ ދުވަހު އޮތް ފްލައިޓަކުން އަނބުރާ ދޯހާއަށް ފޮނުއްވާލީ ކަމަށް ވެސް ޑރ. ބިލާލްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.


ޑރ. ބިލާލު އިތުރަށް ވިދާޅުވެފައި ވަނީ، ބްރިޓިޝް ނޭޝަނަލް ޕާޓީގެ ފަރާތުން ކުރިމަތިވި ދަތިތަކާ ހުރެ އެ ޤުރުއާން ކޮންފަރެންސް ކުރިން ބާއްވަން ހަމަޖެހިފައި އޮތް ތަން ނޫން އެހެން ތަނަކަށް ބަދަލުރަން ޖެހުނު ކަމަށެވެ.


ޑރ. ބިލާލަށް އިނގިރޭސިވިލާތަށް ވަނުމުގެ ހުއްދަ ނުދެއްވި މައްސަލާގައި އެގައުމުގެ ސަރުކާރުގެ އިސް ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.


ޑރ.ޒާކިރު ނައިކާއި ޑރ. ބިލާލް ފިލިޕްސް ދާދި ފަހުން ވަނީ ރާއްޖޭގައި ވދީނީ ދަރުސްތަކެއް ދެއްވައިފަ އެވެ. އެ ދަރުސްތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން އަޑުއުފުލި ނަމަވެސް، އެތައް ހާސް ދިވެހިންނެއް ވަނީ އެ ދަރުސްތަކުގައި ބައިވެރިވެފަ އެވެ.