ކުއާލަލަންޕޫރު (25 ފެބްރުއަރީ 2020) : މެލޭޝިއާގައި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މަގާމުން އިސްތިއުފާ ދެއްވާފައިވާ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު އާ، ރަސްގެފާނު ހަވާލުކޮށްފިއެވެ.

މަހާތީރުގެ ޕާޓީ ކަމަށްވާ މެލޭޝިއަން ޔުނައިޓެޑް އިންޑީޖިނަސް ޕާޓީ (ޕީޕީބީއެމް) ގެ މަސްއޫލުވެރިއަކު ވިދާޅުވީ މެލޭޝިއާގެ ރަސްގެފާނު ޢަބްދުﷲ ރިޢާޔަތުއްދީން މުޞްތަފާ ރޭގައިވަނީ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ލިޔުން މަހާތީރާ ހަވާލުކުރައްވާފައެވެ. މިއާއެކު ވަގުތީ ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ މަޝްވަރާތައް މަހާތީރު ފައްޓަވާފައިވާ ކަމަށްވެސް ޕީޕީބީއެމް ގެ މަސްއޫލުވެރިއާ ވިދާޅުވިއެވެ.

މަހާތީރު ކުއްލިގޮތަކަށް އިއްޔެ އިސްއުފާ ދެއްވީ މަހާތީރާއި އޭނާގެ ސިޔާސީ ބައިވެރިޔާ ކަމަށްވާ އަންވަރު އިބްރާހީމް ގުޅިގެން 2018 ގައި އުފެއްދި ކޯލިޝަންކަމަށްވާ "އެލަޔަންސް އޮފް ހޯޕް" ގެ މުސްތަގްބަލާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިސުވާލު އުފެދުނީ "އެލަޔަންސް އޮފް ހޯޕް" ގައި ހިމެނޭ މަހާތީރުގެ ޕާޓީ ކަމަށްވާ މެލޭޝިއަން ޔުނައިޓެޑް އިންޑީޖިނަސް ޕާޓީ (ޕީޕީބީއެމް) އާއި އެކޯލިޝަންގައި ހިމެނޭ މެލޭޝިއާގެ އިސްލާމީ ޕާޓީ (ޕީއޭއެސް) އެގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އާ ގުޅިގެން އައު ކޯލިޝަނެއް އުފައްދަން މަސައްކަތްކުރާކަމުގެ ޚަބަރުތައް ފެތުރިފައިވާތީއެވެ.

މި އައު ކޯލިޝަނަށް އަދި ނަމެއްދީފައި ނުވިނަމަވެސް މީގައި ހިމެނޭ ތިން ޕާޓީއަކީވެސް މެލޭޝިއާގެ އަޣްލަބިއްޔަތު ރައްޔިތުންކަމަށްވާ މެލޭދަރިކޮޅުގެ މީހުން ހިމެނޭ ތިންޕާޓިއެވެ. މި އައު ކޯލިޝަންގައި ހޯޕް ކޯލިޝަންގައި ހިމެނޭ އަންވަރު އިބްރާހީމްގެ ޕާޓީކަމަށްވާ ޕީޕަލްސް ޖަސްޓިސް ޕާޓީ (ޕީކޭއާރު) ގެ ޕާލަމެންޓް 10 މެންބަރުންވެސް ބައިވެރިވެފައިވާތީ ހޯޕް ކޯލިޝަނަށް ޕާލަމެންޓްގެ އަޣްލަބިއްޔު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު އަންވަރުވަނީ އޭނާގެ ޕާޓީގައި ޚިޔާނާތްތެރިން ތިބިކަމަށް ވިދާޅުވެފައެވެ.

އައު ކޯލިޝަން ވުޖޫދަށް ގެނައުމުގެ މަޝްވަރާތައް ފަށާފައިވާއިރު ހޯޕް ކޯލިޝަންގައި މިހާރު ހިމެނެނީ އެންމެ ތިން ޕާޓީއެވެ. އެއީ އަންވަރު ގެ ޕީކޭއާރު ޕާޓީއާއި މެލޭޝިއާގެ ބައިމަދު ޗައިނީސް ދަރިކޮޅުގެ ޕާޓީއެއްކަމަށްވާ ޑިމޮކްރެޓިކް އެކްޝަން (ޑީއޭޕީ) ޕާޓީއާއި އިސްލާމީ ފިކުރުގެ ކުޑަ ޕާޓީއެއްކަމަށްޥާ ނެޝަނަލް ޓްރަސްޓް ޕާޓީ (އަމާނާ ޕާޓީ) އެވެ. ސަރުކާރެއް އެކުލަވާލެވޭ ވަރުގެ އަޣްލަބިއްޔަތެއް މެލޭޝިއާގެ ޕާލަމެންޓްގައި މިތިންޕާޓީއަށް ލިބިފައިނުވާ ކަމަށް ވެއެވެ.

ޢުމުރުން 94 އަހަރުގެ މަހާތީއާއި 72 އަހަރުގެ އަންވަރަކީ ކުރީގެ ވަރަށްބޮޑު ދެ ހަތުރުންނެވެ. އެދެބޭފުޅުން ގުޅިގެން އެހެން ޕާޓީތަކާއެކު 2018 ގައި ހޯޕް ކޯލިޝަން ގެނަމުގައި ކޯލިޝަނެއް އުފެއްދެވީ ހަމައެކަނި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ވައްޓާލުމުގެ ބޭނުމުގައެވެ. 2018 ގައި އެކަންވުމުން ހޯޕް ކޯލިޝަންގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދި ބައިބައިވެފައެވެ.

މަހާތީރާއި އަންވަރު ކޯލިޝަނަކުން ގުޅިވަޑައިގަތީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ފުރަތަމަ ދެއަހަރު މަހާތީރު ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު މަހާތީރު އިސްތިއުފާ ދެއްވައި ދައުރުގެ ބާކީ އޮތް އަހަރުތަކުގައި އަންވަރު ބޮޑުވަޒީރުކަން ކުރައްވާގޮތަށެވެ. ނަމަވެސް ދެއަހަރަށްފަހު މަހާތީރު މަޤާމުން އިސްތިއުފާ ނުދެއްވުމާ އަދި މަޤާމުގައި ދެމިހުންނަވާނެ ކަމުގެ އިޝާރާތްތައް މަހާތީރު ދެއްވަން ފެއްޓެވުމުން ކޯލިޝަންގައި ރެނދުލައި އަންވަރަށް ތާއީދުކުރާ ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މަހާތީރުގެ ޕާޓިއާއި ޕީއޭއެސް ޕާޓީ އާއި އިދިކޮޅު އުމްނޯ ގުޅިގެން މިހާރުވަނީ އައު ސަރުކާރެއް އެކުލަވާލެވޭ ވަރުގެ އަޣްލަބިއްޔަތެއް ޕާލަމެންޓުގައި ހޯދާފައެވެ. މި އައު ކޯލިޝަނުން ބޮޑުވަޒީރުކަމަށް މަހާތީރު ނެރުނުމަކީވެސް ވެދާނެކަމެކެވެ. ނަމަވެސް މިކަން އަދި ޔަގީނެއް ނޫނެވެ.

ކޮންމެއަކަސް ހޯޕް ކޯލިޝަން ރޫޅި އަންވަރު އެއްފަރާތްކޮށް ގެން އައު ކޯލިޝަނެއް އުފެއްދުމުން މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް 20 އަހަރުވަންދެން އަންވަރު ކުރެއްވި އުންމީދުތައްވަނީ ވިއްސިވިހާލިވެފައެވެ. މިކަމާކަންބޮޑުވެ ވަޑައިގެން އަންވަރުވެސް ވަނީ ހޯމަދުވަހު ރަސްގެފާނާ ބައްދަލުކުރައްވާފައެވެ. އަދި ހޯޕް ކޯލިޝަންގައި އޭނާއާ އެއްކޮށް ތިބި ތިން ޕާޓީގެ އިސްފަރާތްތަކާވެސް އިއްޔެ އަންވަރުވަނީ ބައްދަލުކުރައްވާފައެވެ. އަންވަރަކީ ދިގުމުއްދަތެއް ޖަލުގައިވެސް ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)