25 Feb 2020, 15:44
ސިންގަޕޯ (ފެބްރުއަރީ 25): ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަސް ފެތުރެމުން ދިޔުމުގެ ސަބަބުން ސިންގަޕޯ އެއާލައިންސްގެ ގިނަ އަދަދެއްގެ ދަތުރުތައްކެންސަލްކޮށް، ފްލައިޓްތަކުގެ ކެޕޭސިޓީ 7.1 ޕަސެންޓު ދަށްކޮށްފި އެވެ.
ސިންގަޕޫރު އެއާލައިންސް އާއި އެކުންފުނީގެ ސަބްސިޑަރީ، ސިލްކް އެއާއިން މިދިޔަ ހަފްތާގައި ވަނީ ދަތުރުތަކަށް އޮތް ޑިމާންޑު ކުޑަވުމުން، 800 ވަރަކަށް ފްލައިޓު ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން ރޭ ސިންގަޕޯ އެއާލައިންސްއިން ވަނީ މި މަހާއި މެއި މަހާ ދޭތެރެ އެ ދެ އެއާލައިނުން ކުރަން ހަމަޖެހިފައިވަ އިތުރު ދަތުރުތައް ކެންސަލްކޮށްފަ އެވެ. އޭގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި ފްލައިޓުތަކުގެ ކެޕޭސިޓީ 7.1 ޕަސެންޓު ދަށްވާނެ ކަމަށް ސިންގަޕޯ އެއާލައިންސްއިން ނެރުނު ބަޔާނެއްގައިވެ އެވެ.
ސިންގަޕޯ އެއާލައިންސްއިން ނެރުނު ބަޔާނުގައި ވަނީ އެ އެއާލައިނުން ވައިރަސް ފެތުރޭ މިންވަރު ބަލަމުން ގެންދާނެ ކަމަށާއި ދަތުރުގެ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ ބަދަލު ކުރަމުން ދާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެ އެއާލައިނުން ގެނައި ބަދަލުތަކުގެ ސަބަބުން ފްލައިޓު ކެންސަލްވާ ކަސްޓަމަރުންނަށް އެކަން އަންގާނެ ކަމަށާއި ޓިކެޓު ބުކް ކޮށްފައިވާ ފަރާތްތަކުން އަމަލު ކުރަންވާ ގޮތުގެ މައުލޫމާތު ހޯދުމަށް އެމީހެއްގެ ޓްރެވެލް އޭޖެންސީއަށް ނުވަތަ އެއާލައިނުގެ ރިޒަވޭޝަންސް ޓީމަށް ގުޅުމަށް އެދިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހަށް ސިންގަޕޯރުގައި މިހާތަނަށް 90 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މުޅި ދުނިޔޭގައި އެ ވައިރަސް މިހާތަނަށް 80،000އަށް ވުރެ ގިނަ މީހުންނަށް ފެތުރި، އޭގެ ސަބަބުން 2,701 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރެއިން 2,663 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.