ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ނެރު އަމުރު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ގައްދޫ މެޖިސްޓްރޭޓުން ބަންޑާރަ ނައިބަށް ފޮނުވި "ކޯޓަށް ހާޒިރު ވުމުގެ އަމުރު" އޭޖީ އޮފީހުން އިސްތިއުނާފް ކުރަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މާދަމާ 9:15 ގައި ބޭއްވުމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

ގައްދޫ މެޖިސްޓް ކޯޓުން ހޯމަ ދުވަހު ނެރުނު އަމުރުގައި ބުނަނީ އެ ކޯޓަށް ހުށަހެޅިފައިވާ ޕެންޝަނާ ގުޅޭ މައްސަލައަކާ ގުޅިގެން ދައުލަތުގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ގައްދޫ ކޯޓަށް ފޮނުވުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަމަށް އިޖާބަ ދީފައި ނުވާތީ އެޓާނީ ޖެނެރަލް އޮފީހުން ކޯޓުގެ ހުރުމަތްކަނޑާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް އަބްދުﷲ މުއިއްޒު ހާޒިރުވެ ވަޑައިގަތުމަށް އަންގާ ކަމަށެވެ.