25 Feb 2020, 11:36
ޖެނީވާ (ފެބްރުއަރީ 25): ކޮރޯނާވައިރަސް ދުނިޔޭގެ ބޮޑު ބަޔަކަށް ފެތުރިދާނެތީ، ހުރިހާ ގައުމަކުންވެސް ތައްޔާރީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން އިލްތިމާސްކޮށްފި އެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އީރާނާއި އިޓަލީ އާއި ދެކުނު ކޮރެއާގައި ވައިރަސް ފެތުރިފައި ވަނީ ކަންބޮޑުވާ މިންވަރަކަށެވެ.
ނަމަވެސް އެއީ "އެ ވައިރަސް ހުއްޓުމެއް ނެތި ފެތުރުން ނޫން ކަމަށާއި ދުނިޔޭގެ ބޮޑު ބަޔަކަށް އެ ވައިރަސް ފެތުރި "ޕެންޑެމިކް" ލެވެލްއަށް ވައިރަސް ފެތުރިފައިވާ ކަމަށް" އަދި ބުނެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
"ހުރިހާ ގައުމަކަށްވެސް ހިތްވަރު ދިނުމުގެ ގޮތުން ދޭން އޮތް މެސެޖަކީ މިއީ ކޮންޓްރޯލް ކުރެވިދާނެ ވައިރަސްއެއްކަން އަދި ގިނަ ގައުމުތަކުން އެގޮތަށް ވައިރަސް ކޮންޓްރޯލްކޮށްފައިވާކަން،" ގެބްރެޔެސަސް ވިދާޅުވި އެވެ.
އެހެން ނަމަވެސް "މުޅި ދުނިޔެއަށް ވައިރަސް ފެތުރިދާނެތީ ތައްޔާރީ ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީ" ކަން ޑަބްލިޔުއެޗްއޯގެ ހެލްތު އެމާޖެންސީސް ޕްރޮގްރާމްގައި އިސްކޮށް ހުންނަވާ މައިކް ރަޔަން ފާހަގަ ކުރެއްވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން އެގައުމުން ބޭރުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ އީރާނުގަ އެވެ. އެގައުމުގައި ވައިރަހުގެ ސަބަބުން މިހާތަނަށް 12 މީހަކު މަރުވެފައިވާ އިރު، 64 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ޗައިނާއިން ބޭރުގައި އެ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ދެކުނު ކޮރެއާ އެވެ. އެގައުމުގައި 893 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ނުވަ މީހަކު ވަނީ މަރުވެފަ އެވެ.
ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި މިހާތަނަށް 231 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ހަތް މީހަކު މަރުވެފައިވެ އެވެ.
މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 80,000އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 2,701 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 2,663 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.