25 Feb 2020, 10:15
ޝޯއެއް ބަލަން ވެއްޖެނަމަ އެންމެ ފުރަތަމަ މިހާރު ގިނަ ބަޔަކު އަޅުވާނީ ނެޓްފްލިކްސްގެ ސްޓްރީމިން ސާވިސް އެވެ. އެ ޕްލެޓްފޯމުގައި އޮރިޖިނަލް އަދި މޮޅު ކޮލިޓީގެ ޝޯތައް ގުނާ ހުސްނުވާނެއެވެ. އެހެންކަމުން ބަލާނެ ޝޯއެެއް ނުލިބިފައި ހުންނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު ޝޯތަކަކީ ކޮބާހެއްޔެވެ؟
ނެޓްފްލިކްސް އިން ދާދި ފަހުން މުޅިން އާ ފީޗާއެއް އާންމުކޮށްފައެވެ. އެއީ އެ ސަރަހައްދެއްގައި އެންމެ ގިނަ ބަޔަކު ބަލާ ޝޯތަކާއި ފިލްމުތަކުގެ ލިސްޓު އާންމުކުރުމެވެ. އެ ލިސްޓަކީ ކޮންމެ ދުވަހަކު އާ ކުރާ ލިސްޓެކެވެ.
ނެޓްފްލިކްސްގެ ލިސްޓުން ފެންނަ ގޮތުގައި މިދުވަސްކޮޅު ދިވެހީންނަށް އެންމެ ކަމުދާ 10 ޝޯގެ ތެރޭގައި އެއްވަނައިގައި އޮތީ މަޝްހޫރު ޝޯ "ނާކޯސް"ގެ ސީކުއަލް ޝޯ "ނާކޯސް : މެކްސިކޯ" އެވެ. ނާކޯސް : މެކްސިކޯގެ ދެވަަނަ ސީޒަން ވަނީ ދާދި ފަހުން އާންމުކޮށްފައެވެ. އެއާއެކު އެ ޝޯ، ލިސްޓުގެ އެއްވަނައިގައި ދުވަސްކޮޅަކު އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
ލިސްޓުގެ ދެވަނައިގައި އޮތީ ނެޓްފްލިކްސް އާ އޮރިޖިނަލް ޝޯއެއް ކަމަށްވާ "ލޮކް އެންޑް ކީ" އެވެ. އާދަޔާ ހިލާފު ގެއަކުން ފެންނަ ތަޅުދަނޑިތަކުގައި ޖާދޫވީ ބާރު ހުންނަކަން ދައްކުވައިދޭ އެ ޝޯ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައެވެ.
ދިވެހީންނަށް ދެކުނު ކޮރެއާ ޝޯތައް ވަރަށް ކަމުދެއެވެ. ނެޓްފްލިކްސްގެ ލިސްޓުގެ ތިންވަނައަށް ބަލާލި ނަމަވެސް އެކަން އެނގިގެން ދެއެވެ. އެއީ ދާދި ފަހުން ނިންމާލާފައިވާ ޝޯ ކަމަށްވާ "ކްރޭޝް ލޭންޑިން އޮން ޔޫ" އޮތީ ލިސްޓުގެ ތިންވަނައިގައެވެ. މިއީ ދެކުނު ކޮރެއާގެ އަންހެނަކު އުތުރު ކޮރެއާއަށް ވެއްޓި އެތަނުގައި ކުރާ ތަޖުރިބާ ދައްކުވައިދޭ ޝޯއެކެވެ.
އެ ޝޯ ހާއްސަވާ ސަބަބަކީ، ގިނަ ބަޔަކަށް މައުލޫމާތު ނުލިބޭ އުތުރު ކޮރެއާއާ ގުޅޭ ތެދު މައުލޫމާތު އާންމުކުރުމުންނެވެ. އެ ޝޯގެ ދިރާސާ ކޮށްފައިވަނީ އުތުރު ކޮރެއާގެ ޑިފެކްޓަރުންގެ ދުލުން ކިޔައިދީފައިވާ މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޝޯއެކެވެ.
އެންމެ ގިނަ ދިވެހީން ނެޓްފްލިކްސް އިން ބަލާ ކޮންޓެންޓުތައް ---
ލިސްޓުގެ ބާކީ ބައިގައި ނެޓްފްލިކްސް އޮރިޖިނަލް އާއި އާންމުންނަށް ކަމުދާ ކޮމެޑީތައް އެބަހުއްޓެވެ. އެގޮތުން:
4. ލަވް އިޒް ބްލައިންޑް
5. ފްރެންޑްސް
6. ސެކްސް އެޑިއުކޭޝަން
7. ބްރުކްލިން 99
8. ޔޫ
9. ދަ ވިޗާ
10. މަނީ ހައިސްޓް