25 Feb 2020, 09:33
ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ކުރި ރެއިޑެއްގައި މަސްތުވާތަކެއްޗާއެކު ތިން ދިވެހިން ހައްޔަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލައިގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަތަރު ކިލޯ ހެރޮއިން އާއެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮލަމްބޯ ގެޒެޓުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ތިން ދިވެހިން ހިމެނޭކަމަށް ވެސް ލަންކާ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރާއި 28 އަހަރާ ދެމެދުގެ ހަ ފިރިހެނުން ކަމަށެވެ. އަދި އަތުލައިގެން ހަތަރު ކިލޯ ހެރޮއިންގެ އަގު 40 މިލިއަން ލަންކާ ރުޕީޒް އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
އެ ހަ މީހުން ހައްޔަރުކުރުމުގެ އިތުރުން އެމީހުން ބޭނުންކުރާ ދެ ކާރެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެންމެން މިއަދު ދެހިވަލަ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާގައި ދިވެހިންގެ ބަޔަކު ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް ލަންކާގައި ހިންގާ އެކި ކަހަލަ ކުށްތަކުގައި ދިވެހިން ބައިވެރިވެ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މިންވަރު ވަނީ އިތުރުވެފައެވެ. މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ލަންކާއިން ގިނަ އަދަދެއްގެ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ އިތުރުން ޓެރަރިޒަމް މަނާކުރާ ގާނޫނު ހަރުކަށިކޮށް، އެ ގާނޫނުގެ ދަށުން ހައްޔަރުކުރި 153 މީހުންގެ ތެރޭގައި ވެސް ހަތަރު ދިވެހިން ހިމެނޭކަމަށް އެގައުމުގެ ނޫސްތަކުން ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.