"ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާގެ ލަގަބް" މާފަންނު ލަކީ ސްޓާ/ ހދ. ވައިކަރަދޫ އަލީ ސުލައިމާނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

ދައުލަތަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިޔާގެ ލަޤަބް ދެއްވައި، އެކަމުގެ ލިޔުން، އަލީ ސުލައިމާނާ ރައީސް ހަވާލުކޮށްދެއްވީ މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ދައުލަތަށާއި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އަލީ ސުލައިމާނު ކޮށްދެއްވާފައިވާ ގިނަ ގުނަ ހިދުމަތްތައް ފާހަގަކުރެއްވި އެވެ. އަދި ހާއްސަ ގޮތެއްގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެ އަށް ގެނެސްދިނުމަށް ޓަކައި އަލީ ސުލައިމާން ކޮށްދެއްވި މަސައްކަތްތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އަލީ ސުލައިމާނުގެ ގައުމީ ހިދްމަތްތައް ފެށިގެން އައީ، 1945ގެ އަހަރުތަކުގެ ތެރޭގައި ވަކަރަދޫގެ މުދިންކަމާ ހަމައިންނެވެ. އޭގެފަހުން ވަކަރަދޫގެ ކަތީބުކަމާއި ހދ. އަތޮޅުވެރިކަން ކުރައްވާފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި އަތޮޅު ކޮމިޓީގެ ހަރަކާތްތައް ފެށުނީއްސުރެ، އަތޮޅުވެރިކަމާ ހަމައަށް ކޮމިޓީގެ ހުރިހާ ހަރަކާތްތަކެއް ބަލަހައްޓަވަމުން ގެންދެވީ، އަލީ ސުލައިމާނެވެ. އަލީ ސުލައިމާނު ސަރުކާރުގެ ހިދްމަތުގެ ތެރޭގައި ހދ. އަތޮޅު ފިހާރައިގެ މެނޭޖަރުކަން ވެސް ކުރައްވާފައިވެ އެވެ.

ގާތްގަނޑަކަށް 33 އަހަރު އޭނާ ސަރުކާރަށް ވަނީ ހިދްމަތް ކުރައްވާފަ އެވެ.

އަލީ ސުލައިމާނަކީ، ރައްޔިތުންގެ މަޖީލީހުގެ ހދ. އަތޮޅުގެ އިއްޒަތްތެރި މެންބަރުކަމުގެ މަގާމުގައި ވެސް ތިން ދައުރު ފުރުއްވާފައިވާ ބޭފުޅެކެވެ.

އަލީ ސުލެއިމާނަކީ ސަރުކާރުގެ ހިދްމަތުގެ އިތުރުން، އޭނާގެ އަމިއްލަ ވިޔަފާރީގެ ފައިދާ އިން ރަށުގެ ތައުލީމަށާއި އަތޮޅުގެ ތައުލީމަށް ގިނަ ގުނަ ހޭދަތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ހދ. އަތޮޅު މަދަރުސާގެ ގްރޭޑް 7 ނިންމާ ގިނަ ކުދިންނަށް ނިޒާމީ ތައުލީމުގެ މަގު ބަންދުވެ، ބައެއް ކުދިން ބާކީވެ، އަނެއްބައިކުދިން ވަޒީފާއަށް ނިކުންނަން ޖެހޭ އުމުރު ހަގުކަމުން، މިކުދިންނަށް ރަށުގައި ތިބެގެން ގްރޭޑް 8،9، 10 އާ ހަމައަށް އޭނާގެ އަމިއްލަ ހަރަދުގައި ތައުލީމު ހާސިލުކުރުމުގެ މަގު ތަނަވަސްކޮށްދެއްވާފައިވާ ކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. މީގެއިތުރުން އަމިއްލަ ހަރަދުގައި ސްކޫލް އިމާރާތް ކުރައްވައި، ޓީޗަރުން ވެސް އަމިއްލަ ހަރަދުގައި ހޯއްދަވާފައިވާ ކަމާއި އޭނާއަކީ ރަށާއި އަތޮޅުގެ ތައުލީމަށް ވެސް ބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދެވި ބޭފުޅެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

އަލީ ސުލެއިމާނު ވައިކަރަދޫގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ރަށުގެ ހުކުރު މިސްކިތުގެ ގޯތިތެރޭގައި 15000 ލީޓަރުގެ ފެން ރައްކާކުރެވޭނެ ނުވަ ފެންތާނގީ ބަހައްޓަވައިދެއްވި އެވެ. އަދި ވައިކަރަދޫއާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ވައިކަރަދޫ ބަނދަރުން ތެޔޮ ލިބޭނެ އިންތިޒާމު ވެސް އޭނާ ވަނީ ހަމަޖައްސަވައިދެއްވާފައިވެ އެވެ.

ޢަލީ ސުލައިމާނަކީ، ރަށާއި އަތޮޅުގެ ކްލަބް ޖަމްއިއްޔާތައް ހިންގުމަށް މާލީ އެހީތެރިކަން ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.