07 Dec 2011, 17:20
ރިޔޮޑިޖިނޭރޯ (ޑިސެމްބަރ 7) : ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި ކަމަށްވާ އެމަޒޮން ޖަންގަލިން ޣައިރު ޤާނޫނީ ގޮތުން ގަސްކަނޑާ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިއްޖެކަން ބްރަޒީލުން ހާމަކޮށްފި އެވެ.
ބްރަޒީލްގެ ސަރުކާރުން ބުނި ގޮތުގައި އެމަޒޮން ޖަންގަލީގައި ހިމެނޭ ބްރަޒީލްގެ ފަޅިންޤާނޫނާ ޚިލާފަށާއި ހުއްދަނެތި ގަސްކަނޑާ މިންވަރު ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ވަނީ 23% އަށް ދަށްކުރެވިފަ އެވެ. މިއީ އެމަޒޮން ޖަންގަލި ޙިމާޔަތްކުރުމަށް ބްރަޒީލްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި އެކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރުމަށް އަޅަމުމްގެންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޙާސިލްކުރެވުނު ކާމިޔާބީއެއް ކަމަށް އެޤައުމުން ބުނެއެވެ.
އެމޮޒޮން ޖަންގަލި ޙިމާޔަތް ކުރުމަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ވަރަށް އިސްކަން ދޭ ކަމެކެވެ. މިޖަންގަލިން އެންމެ ގިނައިން ޣައިރު ޤާނޫނީ ގޮތުންނާއި ހުއްދަނެތި ގަސްކަނޑާފައި ވަނީ 2003 ވަނަ އަހަރާއި 2004 ވަނަ އަހަރާ ދެމެދުގަ އެވެ. މިމުއްދަތުގައި 27،329 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކުން އެއްކޮށް ގަސްތައް ކަނޑައި ބިމާ ހަމަކޮށްލާފައިވެ އެވެ.
ދުނިޔޭގެ ފުއްޕާމޭގެ ގޮތުގައި ސިފަކުރެވޭ އެމޮޒޮން ޖަންގައްޔަކީ ދުނިޔޭގައިވާ އެންމެ ބޮޑު ޖަންގައްޔެވެ. އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަން އުފެއްދުމުގައި މިޖަންގަލި މުހިއްމު ދައުރެއް އަދާކުރާ ކަމަށް ސައެންސްވެރިން ބުނެ އެވެ. (ރޮއިޓާސް)