07 Dec 2011, 17:15
އިސްލާމް އާބާދު (ޑިސެމްބަރ 7) : އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާއިން ބޭނުންކުރަމުން ގެންދާ ޕާކިސްތާނުގެ ޢަސްކަރީ ބޭހަކުން ފޭބުމަށް ޕާކިސްތާން ސަރުކާރުން އެމެރިކާއަށް އަންގައިފިއެވެ.
ޕާކިސްތާންގައި ހުންނަވާ އެމެރިކާގެ ސަފީރު ކެމެރޮން މޮންޓަރ ވިދާޅުވީ ޕާކިސްތާނުގެ ޝަމްސީ ނަމަކަށްކިޔާ ޢަސްކަރީ ބޭސް ގެ ބޭނުންކުރުން ހުއްޓާލައި އެތަން ޕާކިސްތާނުގެ ދިފާޢީ ވުޒާރާއާ ޙަވާލުކުރުމަށް އެވުޒާރާއިން އެމެރިކާއަށް އަންގާފައިވާ ކަމުގައެވެ. މިއެންގުމާއެއްގޮތަށް ޢަމަލުކުރުމަށްޓަކައި އެތަންދޫކޮށްދިޔުމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީ.އައި.އޭ) އިން ތައްޔާރުވަމުންދާ ކަމަށް މޮންޓަރ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ޝަމްސީ ޢަސްކަރީ ބޭސް އެމެރިކާ ބޭނުންކުރަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ޙަމަލާ ދިނުމަށްޓަކައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ، ސީ.އައި.އޭ. އިންނެވެ. ޕާކިސްތާނުގެ ވަޒީރުސްތާނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޙަމަލާދޭ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް ނައްޓާލުމަށާއި ތިރިކުރުމަށް ބޭނުންކުރަނީ މި ޢަސްކަރީ ބޭސް އެވެ.
ޕާކިސްތާނުގެ ބިން ބޭނުންކޮށްގެން ޕާކިސްތާނަށް އެމެރިކާ ދެމުންގެންދާ ޑްރޯން މަތިންދާބޯޓުގެ ޙަމަލާތަކުގައި ޕާކިސްތާނުގެ ތާލިބާން ހަނގުރާމަވެރިންގެ އިތިރުން އެޤައުމުގެ ކުށެއްނެތް ޢާންމުންގެ އެތަށް ސަތޭކަ މަރުވަމުންދާތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނުގެ ޝަމްސީ ޢަސްކަރީ ބޭސް ހުސްކޮށް އެތަނުން ފޭބުމަށް އެމެރިކާއަށް އަންގާފައިވަނީ ޕާކިސްތާނުގެ ޕާލަމެންޓްގެ ޤައުމީ ދިފާޢާބެހޭ ކޮމިޓީން މިގޮތަށް ނިންމުމާ ގުޅިގެން ޕާކިސްތާނުގެ ދިފާޢީ ވުޒާރާއިންނެވެ. މިއީ ދާދިފަހުން ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މިހަކު މަރާލި މައްސަލައާ ގުޅިގެން ޕާކިސްތާނުން އެމެރިކާއާ ދެކޮޅަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރޭން ފިޔަވަޅެއް ކަމަށް ވަނީ ބެލެވިފައެވެ.
މީގެއިތުރުން ޕާކިސްތާނުންވަނީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންނަށް ބޭނުންވާ އެކިބާވަތުގެ ސަޕްލައިތައް ހުއްޓުވައި ނޭޓޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
(އަލްޖަޒީރާ+ނޫސްއެޖެންސީތައް)