24 Feb 2020, 10:49
ޣައްޒާ (24 ފެބްރުއަރީ 2020) : އިސްރާއީލުން ޣައްޒާއަށް ވައިގެ ހަމަލާތަކެއްދީ ފަލަސްތީނުގެ 5 މީހުން ޒަޚަމްކޮށްލައިފިއެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ ފަލަސްތީނުގެ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި އޭގެތެރެއިން 5 މީހުން ޒަޚަމްވިއިރު އިސްރާއީލުން ބުނެފައިވަނީ ހަމަލާދޭންޖެހުނީ އެމީހުން އިސްރާއީލަށް ހަމަލާދޭން އުޅޭކަމަށް ޝައްކުކުރެވިގެން ކަމުގައެވެ.
ޣައްޒާ ސިޓީގެ އިރުމައްޗަށް ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުގެ އަސްކަރީ ޖެޓްތަކުންވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައިވާ ފަލަސްތީނު މުޖާހިދުންގެ ބައެއް މަރުކަޒުތަކަށް ހަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ދިނުމާއެކު ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ އަވަށްތަކަށް ރޮކެޓް ޙަމަލާތަކެއް ދީފައެވެ.
ޣައްޒާގެ މަސްރަހު ހޫނުވެފައިވަނީ އިސްރާއީލު ސިފައިން އިއްޔެ ފަލަސްތީނުގެ ޒުވާނެއްކަމަށްވާ މުހައްމަދު އަލީ އައްނާއިމްގެ މެއަށް ބަޑިޖަހައި އޭނާ ޝަހީދުކޮށްލުމަށްފަހު އިސްރާއީލު ސިފައިންގެ ބުލްޑޯޒަރެއް މަރުވެފައިވާ އޭނާގެ ހަށިގަނޑުގެ މަތިން ދުއްވައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެންނެވެ. މިޖަރީމާ އިސްރާއީލު ސިފައިން ހިންގީ ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ކަށިނަރުގެ ފާރުގެ ކައިރީގައެވެ.
އުމުރުން 27 އަހަރުގެ މުހައްމަދު އަލީ އަކީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމިކް ޖިހާދު ޖަމާއަތަށް ނިސްބަތްވާ މުޖާހިދެކެވެ. އޭނާ ޝަހީދުކޮށް އޭނާގެ ހަށިގަނޑުގެ މަތިން އިސްރާއީލު ސިފައިން ބުލުޑޯޒަރު ދުށްވުމުން އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ އިސްރާއީލުގެ އަވަށްތަކަށް 21 ރޮކެޓް ފޮނުވާލާފައެވެ. ޣައްޒާގައިވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ މަރުކަޒުތަކަށް އިސްރާއީލުން ޙަމަލާދިނި މި ރޮކެޓް ހަމަލާތަކަށް ފަހުއެވެ.
އެއަށްފަހު އަނެއްކާ އިސްރާއީލުން މިއަދުގެ ފަތިހުވަނީ ޣައްޒާއަށް ވައިގެ ހަމަލާތަކެއްދީ ފަލަސްތީނުގެ 5 މީހުން ޒަޚަމްކޮށްލާފައެވެ. މި ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން މުޖާހިދުންގެ ޖަމާއަތްތަކުން ރޮކެޓް ޙަމަލާތައް ދޭނެތީ އިސްރާއީލުންވަނީ ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ އަވަށްތަކުގެ ސްކޫލްތައް ބަންދުކޮށް ބިންގަރާސްތަކަށް ވަދެތިބުމަށް އެތަންތަނުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީން އާއލާތަކަށް އަންގާފައެވެ. (ނޫސްއެޖެންސީތައް)