ގދ. ވާދޫގައި މަސްތުވާތަކެތީގެ އުނދަގޫ ބޮޑުވެގެން އެ މައްސަލަތައް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ކަމަށް ބުނެ އެ ރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމްކޮށްދިނުމަށް އެދި ވާދޫ ކައުންސިލުން ގަރާރެއް ނެރެފި އެވެ.

އެކައުންސިލުން އިއްޔެ ނެރެފައިވާ ގަރާރެއްގައި ބުނެފައި ވަނީ "މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް" މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ފުލުހުން ކުރާ މަސައްކަތްތަކާ މެދު އެ އިދާރާ އިން ކަންބޮޑުވެ ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ރަށުގެ އެތައް ބަޔަކު މަސްތުވާތަކެތީގެ ވަބާގައި ޖެހި ކުޑަކުދިން ވެސް އެ ކަމުގެ ތެރެއަށް ވަންނަމުން ގޮސް، ރަށުގެ އަމަންއަމާންކަން ގެއްލެމުންދާކަން ފާހަގަކޮށް އެ ރަށު ކައުންސިލުން ބުނެފައި ވަނީ އެކަންތައްތައް ހައްލުކޮށްދިނުމަށާއި އެ ރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމްކޮށް ދިނުމަށް އެދި އެ ރަށު ކައުންސިލުން ތަކުރާރުކޮށް ކުރި މަސައްކަތްތަކަށް ފުލުހުން ބީރުކަންފަތެއް ދީފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

"ރާއްޖޭގެ އަމްނު އަމާންކަން ގާއިމްކުރުމަށް ތިބޭ ބައެއްގެ ފަރާތުން މިފަދަ ކަންކަމަށް އަޅާނުލާ ފަރުވާކުޑަކުރަމުން ދޭހަވަނީ ފުލުހުންނަކީ ވެސް މިކަހަލަ ކަންކަމަށް ތާއީދުކުރާ ބައެއްގެ ގޮތުގައި،" ވާދޫ ކައުންސިލްގެ ގަރާރުގައިވެ އެވެ.
ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވީ މި ދެ ތިން ރޭ އެ ރަށުގައި ފުލުހުން ވަރަށް ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް އެ ރަށުގައި ފުލުހުން ގާއިމްވެފައިނެތުމުން އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނާންނަ ކަމަށެވެ.

ވާދޫ ކައުންސިލުގެ ގަރާރުގައި ބުނެފައިވާ ގޮތުގައި އެ ރަށުގައި ބޮޑެތި ކުށްތައްކުރާ މީހުންގެ މައްސަލަތައް ފުލުހުންނަށް އެ ކައުންސިލުން އެނގުމުން، ފުލުހުން އެ ރަށަށް ދިއުމުގެ ކުރިން އެ ކުށެއް ކުރި ބަޔަކަށް އެކަން އެނގި، ފުލުހުން އެ ރަށަށް ދިއުމުގެ ކުރިން އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ރަށުގައި ފުލުހުންގެ މަރުކަޒެއް ނެތް ނަމަވެސް އެއަތޮޅުގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުން އެހީތެރިކަން ދެމުން ގެންދާ ކަމަށާއި އަދި މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިހާރު ވެސް ފުލުހުން ތަހްގީގު ކުރަމުން އަންނަ އެ ރަށުގެ މީހެއްގެ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން އެމީހާ ހޯދަން ފުލުހުން އެ ރަށަށް ދިއުމުން ވެސް އޭނާ ފެނިފައިނުވާ ކަމަށާއި އެމީހާއަކީ އެ ރަށު ކައުންސިލްގެ މެންބަރަކާ އާއިލީ ގޮތުން ތިމާގެ މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އަދި އެމީހަކީ ކާކު ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ވާދޫ ކައުންސިލުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށްފައި ވަނީ ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ.