މީގެ ފަސް އަހަރު ކުރިން ހައްޖަށް ގެންދިޔުމަށް ތިން މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައިނުވާތީ އެ ފައިސާ އެ ތިން މީހުންނަށް އަނބުރާ ދިނުމަށް އަލް-ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕަރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އެ ތިން މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނީ ޕަބްލިކް އިންޓްރެސް ލޯ ސެންޓަރުގެ ފަރާތުންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.

އެ ފައިސާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުދަ ދުވަހުއެވެ.

ޕަބްލިކް އިންޓްރެސް ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ އެ ޖަމްއިއްޔާގެ ސަމާލުކަމަށް އައުމުން ފަތުހު ހައްޖު ގްރޫޕަށް ފައިސާ ދެއްކި މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައި އެ ޖަމްއިއްޔާ އިން އާންމުކޮށް އިއުލާނެއް ކުރި ކަމަށެވެ.

އެ އިއުލާނާ ގުޅިގެން ގާނޫނީ އެހީތެރިކަމަށް އެދުނީ އެ ތިން މީހުން އެކަންޏެވެ.

"ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މި މައްސަލައިގެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ދައުވާ ކުރާ ތިން ފަރާތުން އަލް-ފަތްހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާ 19 ފެބްރުއަރީ 2020 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އަލް-ފަތްހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، އެ ކުންފުނީގެ ޑިރެކްޓަރުންނަށް އަންގައި، އަމުރުކުރައްވާ ކަމަށެވެ." އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަތުހު ގުރޫޕުގެ މައްޗަށް ތިން މީހަކަށް ފައިސާ ދެއްކުމަށް ހުކުމް ކުރި އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މ. އެކްސަލް، މުސްތަފާ މުހައްމަދުދީދީ ގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއިން 2018 އަހަރު އެނާ ވަނީ ސަލާމަތްވެފައެވެ. އެ ދައުވާ އުފުލީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މިހާރު އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގައެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލައިގައި ފުލުހުން މުސްތަފާ ސެޕްޓެމްބަރު 12، 2014 ގައި ހައްޔަރުވެސް ކުރި އެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ ފަހުން މުސްތަފާ ދޫކޮށްލާފައެވެ.

ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައިނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި ވަނީ ހައްޖަށް ފޮނުވާފައެވެ.