23 Feb 2020, 17:11
ލ. ފޮނަދޫ އަދި ނ. ޅޮހީގައި ފެނަކައިގެ އާ އޮފީސް އިމާރާތް ހަދަން، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ފެނަކައިގެ ފަރާތުން މި ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު އަސްލަމް އެވެ.
ފޮނަދޫގެ ފެނަކަ އޮފީސް އިމާރާތްކުރަން 8,645,205.05 ރުފިޔާއަށް ހަވާލުކުރީ 305 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންކަމުން މި އަހަރުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާ ހަވާލުކުރަން ޖެހޭނެއެވެ.
ޅޮހީގެ ފެނަކަ އިމާރާތުގެ އިތުރުން، އަލަށް އިމާރާތްކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ޑުޕްލެކްސް އާއެކު ސޮއިކޮށްފައެވެ.
މި ޕްރޮޖެކްޓުގެ އަގަކީ 6,471,859.55 ރުފިޔާއެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދުން ފެށިގެން 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެހެންކަމުން މި އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މަސައްކަތް ނިންމާ ހަވާލުކުރަން ޖެހޭނެއެވެ.