އައްޑު އަތޮޅު ހިތަދޫ ސްކޫލް ކައިރީގައި ބަހެއްޓި ނޭޕާލްގެ މޮނިއުމެންޓް ވަގަށް ނަގައިފި އެވެ. އާދަވެ، ފުލުހުން ފޯރި މަރާ އެ މޮނިއުމެންޓް މިއަދު ވަގަށް ގެންދިޔައީ މެންދުރު ވަގުތު ފުލުހުން ނެތް ވަގުތު ބަލައިފަ އެވެ.

ފުލުހުންގެ އައްޑޫ ކޮމާންޑަރު ސްޓޭޝަން އިންސްޕެކްޓަރު އިބްރާހީމް ހަނީފް މިއަދު ވިދާޅުވީ ހިތަދޫ ސްކޫލް ކައިރީގައި ބަހައްޓާފައި ހުރި މޮނިއުމަންޓް ގެއްލުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު ފަހު 1:15 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ މޮނިއަމެންޓް ވަގަށް ގެންދިޔަ ގަޑިއަކީ މެންދުރު ވަގުތު ކަމަށްވެފައި އެގަޑީގައި މޮނިއުމެންޓް ބަލަހައްޓަން ފުލުހުން ވެސް ނެތް ކަމަށެވެ.

"މޮނިއުމަންޓް ކައިރީގައި ފުލުހުން ފޯރިމަރަން ތިބެނީ އިރުއޮއްސި 6:00 އިން ހެނދުނު 8:00 އަށް. މެންދުރުގަޑީގައި ފުލުހުން ނުތިބޭނެ،" ހަނީފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެކަން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ނޭޕާލްގެ މޮނިއުމަންޓް މިއަދު ވަގަށް ނަގާފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ޕާކިސްތާން މޮނިއުމަންޓުގައި އަލިފާން ރޯކޮށްލައި ކުރި ބޯށި ވަގަށް ގެންދިޔަ އެވެ. އަދި މަރަދޫގައި ބަހައްޓާފައިވާ ސްރީލަންކާގެ މޮނިއުމަންޓް، ސިންގާއަށް ކަޅު ތެޔޮޖެހައި އޭގެ މޫނުން ބައެއް ތަޅައިލި އެވެ. އަދި އިންޑިޔާގެ މޮނިއުމަންޓަށް ވެސް ބަޔަކުވަނީ ގެއްލުންދޭ މަސައްކަތް ކޮށްފައިވެ އެވެ.

ނޭޕާލްގެ މޮނިއުމެންޓް ވަގަށް ނަގާފައި ވަނީ އެ މޮނިއުމަންޓްގައި ލިޔެފައިވާ އިސްލާމް ދީނާއި ހިލާފް އިބާރާތަކާ މެދު ގިނަ ބަޔަކު ހިންހަމަނުޖެހުން ފާޅުކުރަމުންގެން ދަނިކޮށެވެ. އެ އިބާތުގައި ބުނަނީ ކީކޭ ކަމެއް ސާފުވެފައެއް ނުވެއެވެ.

ސާކް ސަމިޓާ ގުޅިގެން އައްޑޫގައި ބަހައްޓާފައިވާ މޮނިއުމަންޓްތަކުގެ ތެރެއިން ޕާކިސްތާން މޮނިއުމަންޓް ވައްޓާލިކަމުގެ ތުހުމަތުގައި މީގެ ކުރިން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓް އަމުރު ނުލިބުމުން ފުލުހުން ވަނީ އެ ދެ މީހުން ދޫކޮށްލާފަ އެވެ.

ސާކްގެ ގައުމަތަށް ރަމްޒުކޮށްދޭ ބުދު ހިމެނޭ މޮނިއުމަންޓްތަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު މަދަނީ އިއްތިހާދާއި އިދިކޮޅު ހަތް ސިޔާސީ ޕާޓީއެއް ގުޅިގެން ވަނީ މުޒާހަރާއެއް ކުރަން ނިންމާފަ އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެފައިވަނީ ބުދުތަކާ ގުޅިގެން ރާއްޖޭގައި ކުރާ މުޒާހަރާއަކީ ދީން ސިޔާސީ ކުރަން ބަޔަކު ކުރާ މަސައްކަތެއް ކަމަށާއި ބުދު މޮނިއުމަންޓްތަކަކީ އެއްގައުމު އަނެއްގައުމު ތައާރަފްވުމުގެ ގޮތުން ބަހައްޓާފައިވާ އެއްޗެހި ތަކެއް ކަމަށެވެ. އަލްހާން ވިދާޅުވެފައި ވަނީ އެ މޮނިއުމަންޓުތަށް ނަގަން ނުޖެހޭނެ ކަމަށެވެ.