ސްޓާ ޕްލަސްއިން ގެނެސްދެމުން އައި އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތް "ޑާންސް ޕްލަސް 5" އިންޑިއާގެ މުމްބާއީ ނިސްބަތްވާ ރުޕޭޝް ބާނޭ 19، ކާމިޔާބުކޮށްފި އެވެ.

އޭނާ އެ މުބާރާތުގެ އެއް ވަނަ ދިޔަކަން ހާމަކުރީ ރޭ ބޭއްވި ގްރޭންޑް ފިނާލޭގަ އެވެ. ފިނާލޭގައި ރުޕޭޝް އާއެކު ވާދަކުރީ ޖަނަމް ކްރޫ، ސުބްރާތޯ-ސަންޗިތާ އަދި ދީޕިކާ-ރުޕޭޝް އެވެ. އެ މުބާރާތުގެ ދެވަނަ އަށް ހޮވުނީ ޓީމް ޕުނީތުގެ ޖަނަމް ކްރޫއެވެ.

ޑާންސް ޕްލަސް ފަހެއް ކާމިޔާބުކުރީ ރުޕޭޝް އަކީ ކޮރިއޯގްރަފަރު ދަރްމޭޝް ޓީމުގެ ނެށުންތެރިއެކެވެ. ޓްރޮފީ ކާމިޔާބުކުރުމަށްފަހު ރުޕޭޝް ބުނީ ޑާންސް ޕްލަސް ގެ މުޅި ޖާނީ އަކީ އޭނާގެ ހިތުން ދުވަހަކުވެސް ހަނދާނުން ނުފޮހެލެވޭނެ ޖާނީ އެއް ކަމަށެވެ.

ރުޕޭޝް އެ މުބާރާތް ކާމިޔާބުކުރުމުން ވަނީ ޓްރޮފީގެ އިތުރުން 15 ލައްކަ ރުޕީސް ލިބިފައެވެ.

ރޭގެ ފިނާލޭގައި ވަނީ ބޮލީވުޑްގެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އަދި ޝްރައްދާ ކަޕޫރު ބައިވެރިވެފައެވެ. އަދި ލެޖެންޑަރީ ދެތަރިން ކަމަށްވާ ދަރްމެންދުރާ އާއި މިތުން ވެސް ވަނީ އެ ޝޯގައި ބައިވެރިވެފައެވެ. ޖަޖުންގެ ފޯރިގަދަ ހުށައެޅުންތަކެއްވެސް ރޭ ވަނީ ފެނިގެން ގޮއްސައެވެ.

މިދިޔަ އަހަރު އެ ޝޯ ކާމިޔާބުކުރީ އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ޗޭތަން ސަލުންހޭއެވެ.