22 Jun 2010, 18:37
10:00
ވޯލްޑަކަޕް ތާރީޚްގައި ފުރަތަމަ ފަހަރަށް މުބާރާތް ބާއްވާ ޤަވްމާ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް މުބާރާތާ އަލްވަދާއު ކިޔައިފި އެވެ.
ދުނިޔޭގެ ރޭންކިންގްގެ ސޯޅަ ވަނައިގައި އޮތް އުރުގުއާއީ އާއި ސަތާރަ ވަނައިގައި އޮތް މެކްސިކޯ އެއްވަގުތެއްގައި ބައްދަލުކުރި މެޗްގެ ހަމައެކަނި ގޯލް ފެނިފައި ވަނީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު ޖަހާ އުރުގުއޭ އަށް ދެ ވަނަ ބުރުގެ ޔަގީންކަން ގެނެސްދިނީ ސުރޭޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
މެޗުގެ ކުރިން މެކްސިކޯގެ ދިހަ ނަންބަރު ބުނެފައި ވަނީ ބޭނުމީ މެޗުން އެއްވަރުވުން ކަމަށް. ނަމަވެސް މެޗަށް ފަހު މެކްސިކޯއިން ވަނި މިކަން ދޮގުކޮށްފަ އެވެ. އަދި މެކްސިކޯގެ ކޯޗް އަގޫރީ ވަނީ މިމެޗުގައި ރަގަޅަށް ކުޅުނީ އުރުގުއާއީ ޓީމުކަމަށާ އެމީހުން މޮޅުވުން ރަގަޅުކަމަށް ބުނެފަ އެވެ.
މެޗަށް ފަހު އުރުގުއާއީގެ ޓީމު ބުނެފައި ވަނީ އުދަގޫ ގްރޫޕަކުން އެއްވަނަ ލިބުނީތީ އުފާކުރާ ކަމަށާ ދެން އޮތީ މިއަށްވުރެ މާ ވަރުގަދަ ބުރެއް ކަމަށާ ހިތްވަރާ އެކު މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށެވެ.
ރޭ ފްރާންސް އާއި ބައްދަލުކޮށް ދޭއް އެކަކުން ސައުތު އެފްރިކާ މޮޅުވި ނަމަވެސް މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމުގެ އުއްމީދު ޙާސިލްވާ ގޮތް ވަނި ނުވެފަ އެވެ.
މިމެޗުގެ 28 ވަނަ މިނެޓްގައި ފްރާންސްގެ ގޮކޫފް، ސައުތު އެފްރިކާގެ ސިބާއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑޫ ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ ދެވަނައަށް އެންމެ އަވަހަށް ފްރާންސްގެ ކުޅުންތެރިއަކު ދަނޑުން ފޮނުވާލި ފަހަރެވެ. މުބާރާތަށް ފަހު އިސްތިއުފާ ދޭން ނިންމާފައިވާ ފްރާންސްގެ ކޯޗް ރޯމަން ޑޮމިނިޗް ބުނެފައި ވަނީ ފްރާންސް އަދި ފުޓްބޯޅައިން މަރުނުވާ ކަމަށާ މުސްތަގްބަލްގައި ރަގަޅު ކާމިޔާބީއަކަށް ފްރާންސްއަށް އެދޭ ކަމަށެވެ.
ސައުތުއެފްރިކާގެ ކޯޗް ބްރެޒިލްގެ ޕެރޭރާ ބުނެފައި ވަނީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚްރުވެރިވާ ކަމަށެވެ.
ފްރާންސް އަތުން ދޭއް އެކަކުން ސައުތު އެފްރިކާ މޮޅުވެ މެކްސިކޯ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބުނީ މެކްސިކޯއަށެވެ. މި ގްރޫޕްގެ އެއްވަނަ ހަތް ޕޮއިންޓާއެކު ލިބުނީ ވޯލްޑްކަޕްގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭއަށެވެ.
ގްރޫޕް ބީގައި ނައިޖީރިޔާ އާއި ދެކުނު ކޮރެޔާ ބައްދަލުކުރި މެޗު ދޭއް ދޭއްކުން އެއްވަރުވުމުން ދެކުނު ކޮރެޔާ ވަނީ އަމިއްލަ ޤަވްމުގައި 2002 ވަނަ ކުޅުނު ވޯލްޑަކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
ރޭގެ މެޗުގައި ކޮރެއާއި ވަނީ ރަގަޅު ކުޅުމެއް ދައްކައި ގިނައިރު ބޯޅަ ހިފަހައްޓާ ނައިޖީރިއާއި ގޯލަށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮރެޔާ ޓީމުން މިފަހަރު އެންމެ ރަގަޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި އަދި ކޮރެޔާ ޓީމުގެ ކެޕްޓަން ޕާކް ޖީސުނެވެ. މެޗަށް ފަހު ދެކުނު ކޮރެޔާގެ ކޯޗް ހޫޖުން މުން ބުނެފައި ވަނީ އޭޝިޔާގެ ފުޓްބޯޅަ ކުރިއަރަމުން އަންނަ ކަމަށާ ދުނިޔޭގެ ވަރުގަދަ ޓީމުތަކާ ވާދަކުރަން ބޭނުން ނަމަ މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މިގްރޫޕްގައި އާޖެންޓީނާ ދޭއް ސުމެއްގެ ކާމިޔާބީ އެއް ގްރީސްގެ މައްޗަށް ހޯދި އިރު އާޖެންޓީނާ ވަނީ ގްރޫޕް ސްޓޭޖްގެ ރެކޯޑެއް ވެސް ގާއިމްކޮށްފަ އެވެ. އެއްވެސް މެޗަކުން ބަލިނުވެ އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރިއިރު ރޭގެ މެޗަށް އެޓީމުން ނެރުނު ފުރަތަމަ އެގާރައިގައި އެންމެ ފަހު މެޗުގައި ނުކުޅޭ ހަތް ކުޅުންތެރިން ހިމަނާފައިވާކަން ފާހަގަ ކުރެވެ އެވެ.
ފުރަތަމަ ލަނޑު ޖަހާފައި ވަނީ އާޖެންޓީނާގެ ދިފާއީ ކުޅުންތެރިޔާ ޑިމިޝެލްސް އެވެ. މިއީ އާޖެންޓީނާއާށް އޭނާ ކާމިޔާބުކޮށް ދިން ދެވަނަ ގޯލެވެ. ވުވުޒޭލާގެ އަޑު އާދަޔާ ޚިލާފަށް ގަދަވެގެން ދިޔަ މިމެޗުގެ ދެވަނަ ލަނޑު އާޖެންޓީނާއިން ޖަހާފައި ވަނީ އުމުރުން 36 އަހަރުގެ މާޓިން ޕެލާމޯ އެވެ. އާޖެންޓީނާގެ ސްކޮޑްގައި ޕެލާމޯ ހިމެނުމުން ކޯޗު މަރަޑޯނާއަށް ވަނީ ތަފާތު ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެހެންކަމުން އޭނާގެ މިލަނޑު ވެގެން ދިޔައީ ފާޑުކިޔުތެރިންނަށް ދިން ރަގަޅު ރައްދަކަށެވެ.
މުބާރާތުގެ މިހާތަނަށް އައިއިރު އާޖެންޓީނާ ޖަހާފައިވާ ކޮންމެ ގޯލެއްގެ ހިއްސާ ރޭގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުތް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މެސީގެ ހިއްސާ ބޮޑުކަން ފާހަގަކުރެވެ އެވެ.