ރޯމް (ފެބްރުއަރީ 23): އިޓަލީގައި އާ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތައް އެގައުމުގެ ސަރުކާރުން ބަންދުކޮށްފި އެވެ.

އިޓަލީގެ އުތުރުގައި އޮންނަ ލޮމްބާޑީއާއި ވެނެޓޯގެ ބައެއް އަވަށްތައް ބަންދުކުރީ އެގައުމުގައި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ 79އަށް އަރާ، އޭގެ ސަބަބުން ދެ މީހަކު މަރުވުމުންނެވެ. އޭގެ ތެރެއިން ވައިރަސް ހުރި 54 މީހުންނަކީ ލޮމްބާޑީގައި ތިބި މީހުން ކަމަށްވާ އިރު 17 މީހުންނަކީ ވެނެޓޯގައި ތިބި މީހުންނެވެ. އަދި ވައިރަސް ޖެހިގެން މަރުވީވެސް އެ ދެ ސަރަހައްދުގައި ތިބި ދެ މީހުންނެވެ.

އިޓަލީގެ ބޮޑުވަޒީރު ޖުޒެއްޕޭ ކޮންޓޭ އިއްޔެ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުން އަމަލުކުރަން ފަށާ އެމާޖެންސީ ޕްލޭނުގެ ދަށުން، އެވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އަވަށްތަކަށް ދަތުރު ކުރުމާއި އެ އަވަށްތަކުން އެހެން ސަރަހައްދުތަކަށް މީހުން ދަތުރު ކުރުން މަނާ ވާނެ އެވެ. އަދި އެވަށްތަކުގެ އޮފީސްތަކާއި ސްކޫލުތަކާއި ވިޔަފާރި ކުރާ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.

ކޮންޓޭ ވަނީ ކަރަންޓީނުގެ ހާލަތުގެ ހަފްތާތަކެއް ވަންދެން ދެމިގެން ގޮސްދާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޓަލީގެ އިތުރުން އީރާނުން ވެސް ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް މިއަދުން ފެށިގެން އާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެގައުމުގެ 14 ޕްރޮވިންސެއްގެ ސްކޫލުތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. އެއީ އެގައުމުގައި ވައިރަހަށް 28 މީހަކު ޕޮޒިޓިވްވެ، ވައިރަސް ހުރި ހަ މީހަކު މަރުވުމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ކޮރޯނާވައިރަހަށް މިހާތަނަށް 78,773 މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 2,462 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޗައިނާއިން ބޭރުގެ 31 ގައުމަކާއި ސަރަހައްދުތަކުގައި ތިބި މީހުން ހިމެނެ އެވެ.