07 Dec 2011, 15:35
މަދަނީ އިއްތިހާދުގެ ބޮޑު މުޒާހަރާ ގުޅޭ މައުލޫމާތު އައްޑޫ މަދަނީ ޖަމިއްޔާތަކަށް އަދާލަތުން ދީފި އެވެ.
އައްޑޫގެ މަދަނީ ޖަމްޢިއްޔާތަކާއެކު ރޭ، އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި އަދާލަތާއެކު ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރްޕީ އާއި ގައުމީ ޕާޓީ ވެސް ބައިވެރިވި އެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްރަށުގަ އާއި ބައެއް ރިސޯޓުތަކާއި ސިނާޢީ މަސައްކަތް ކުރާރައްރަށުގައި ވެސް "އިސްލާމްދީން ޙިމާޔަތްކުރަން ދިވެހިން" އެ ނަމުގައި ބާއްވާ މުޒާހަރާ ކުރިޔަށް ގެންދާނެ ކަމަށެވެ.
މަދަނީ އިއްތިހާދުގެ ބޮޑު މުޒާހަރާ ބާއްވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
"މި މުޒާހަރާއަކީ ސިޔާސީ ކަމެއް ނޫން. ވަކި ޕާޓީއަކުން ކުރަންޖެހޭނޭ ކަމެއްނޫން. މިކަމަކީ ދީނީ ގޮތުންނާއި ޤައުމީ ގޮތުން އެންމެހައި ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް،" އިމްރާން ވިދާޅުވިއެވެ.
އަދާލަތުން ބުނީ ސާކު ސަމިޓާއި ދިމާކޮށް އައްޑު އަތޮޅުގެ އެކިއެކި ރައްރަށުގައި ސަރުކާރުން ބަހައްޓާފައިވާ ބުދުތަކުން އައްޑޫގެ ބިން ތާހިރު ކުރަން އައްޑޫގެ ރައްޔިތުން އަތުގުޅާލާފައިވާ ކަމަށާއި ބޮޑު މުޒާހަރާ ނިންމާލާއިރު ބުދުތަކުން އައްޑޫގެ ބިން ތާހިރު ކުރާނެ ކަމަށް ރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
އާދާލަތުން ރޭ އައްޑޫގައި ބައްދަލުވުމެއް ބާއްވާފައިވާއިރު އެޕާޓީގެ ޢިލްމުވެރިންގެ މަޖިލީސްގެ ނައިބު ރައީސް، ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ވެސް މިރޭ ހިތަދޫގައި ބާއްވަން ވަނީ ނިންމާފަ އެވެ.