އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް، ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.

އެ އޮފީހުން މިއަދު ބުނީ، ހދ. ނޮޅިވަރަންފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުން، ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

މުހައްމަދު އަލީ އަކީ ކުޑަކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުވާ ސިފައިންގެ މީހާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް، ޕީޖީ އޮފީހުން އެކަމާ ގުޅޭ މައުލޫމާތެއް ހާމައެއް ނުކުރި އެވެ.

އެ އޮފީހުން އަދި ބުނީ، އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު، މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު އޭނާ ވަނީ ސިފައިންގެއިން ސަސްޕެންޑްކޮށްފަ އެވެ. ސިފައިންގެ މީހެއްގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވޭކަން ފެންމަތިވީ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެފަދަ ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ.