07 Dec 2011, 15:22
ހިޔާނާތޭ ކިޔައިގެން ވާހަކަ ދެއްކޭވަރުގެ އެކަކުވެސް ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 100ރ. އިން، ރައީސް މައުމޫނުގެ ވެރިކަމުގައި ލައްކައިން ހިޔާނާތްތައްވި ނަމަވެސް މިހާރު ފައިސާއިން ހިޔާނާތް ވަމުން ދަނީ މިލިޔަނުން ކަމަށެވެ.
ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ ކޮރަޕްޓް ނޫން މީހެއް ވެސް މިނިސްޓަރެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ.
"ކޮރަޕްޝަންގެ ވާހަކައަކީ އަޅުގަނޑު ދައްކަން ވަރަށް ލަދުގަންނަ ވާހަކައެއް. ހަގީގަތުގައި ކޮރަޕްޝަނޭ ކިޔައިފައި ވާހަކަ ދެއްކޭނޭ އެކަކު ވެސް މި ގައުމުގައި ނެތް. ކޯޗެއްތޯ މަދުވެގެން މިއުޅެނީ. އިބްރާހިމް ނާސިރު ދުވަސްވަރު ނެގީ ސަތޭކަ ރުފިޔާއިން މައުމޫނު ދުވަސްވަރު ނެގީ ލައްކައިން. މިހާރު ނަގަނީ މިލިޔަނުން. ކޮރަޕްޝަނޭ ކިޔައިފަ މިތަނުގައި ފުމެ އަރާކަށް ނުޖެހޭނެ. ކޮން މީހެއްތޯ ކޮން މިނިސްޓަރެއްތޯ ކޮން ބޭފުޅެއްތޯ ކޮރަޕްޝަންގައި ނުޖެހެނީ،" ޒާހިރު އާދަމް ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ 2012 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ފުރިހަމަ ބަޖެޓެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ތައުލީމީ ހާލަތު ރަނގަޅު ނުވާވަރަށް މިހާރު ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުވެފައިވީ ނަމަވެސް ގައުމުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ސަބަބުން ސިއްހީ ދާއިރާއަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކުން ބަޖެޓަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ވިދާޅުވީ މި ބަޖެޓަކީ މަކަރު ވެރިކަމާ ހީލަތާ އޮޅުވާލުމުން ފުރިގެންވާ ބަޖެޓެއް ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ފެންނަންނެތް ކަމަށާއި ބަޖެޓުން ފެންނަނީ ދޮގާ މަކަރާ ހީލަތްތެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.