23 Feb 2020, 09:13
މި މަހު 27 ވަނަ ދުވަހު ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ވެބް ސީރީޒް "ހަނާ" ދައްކަން ތައްޔާރުވަމުން އަންނައިރު "ހަނާ"ގެ ރެޑް ކާޕެޓް ޕްރިމިއާ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ބައިސްކޯފު އެޕްލިކޭޝަން ބޭނުންކުރާ 200 ފަރާތަކަށް ހުޅުވާލައިފިއެވެ.
މުނިފޫހިފިލުވުމުގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ބައިސްކޯފު އެޕްލިކޭޝަނުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނީ ބައިސްކޯފު އެޕްގައި ބޭނުންކުރާ މެއިލް އައިޑީ ބައިސްކޯފުގެ ވައިބާ ނަންބަރަށް ފޮނުވާ ފުރަތަމަ 200 ފަރާތަކަށް ރެޑް ކާޕެޓް އިވެންޓްގެ ޓިކެޓް ކަށަވަރުވާނެކަމަށެވެ. ބައިސްކޯފުގެ ވައިބާ ނަންބަރަކީ 7983963 އެވެ.
އޮލިމްޕަހުގައި ބާއްވާ ރެޑް ކާޕެޓް ހަފްލާ އޮންނާނީ މިމަހު 27 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.
ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ ވެބް ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދުގަ ޖެހޭނޭ ފެނިފާ ތިބާ" އިން ފެނިގެންދިޔަ މަރިޔަމް ނޫރާއެވެ. ވެބް ސީރީޒްގެ ދިގު މިނަކީ 13 އެޕިސޯޑެވެ.
ކިޑް ޕްރޮޑަޑްޝަނުން އުފައްދާ އެ ސީރީޒްގައި ނޫރާގެ އިތުރުން ދޮން އައްޔަ، ޝަމީލް، ނިޝާ އަދި ޖިމީ ވެސް ފެނިގެންދާނެއެވެ. ސީރީޒްގެ ވާހަކަ ތައްޔާރުކޮށްފައި ވަނީ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.