ހދ. ވައިކަރަދޫ ކައުންސިލްގެ އެމްޑީޕީ މެންބަރު ވައިކަރަދޫ، ހޭޅި އަލީ އާމިރުގެ މައްޗަށް ކުޑަ ދެ އަންހެން ކުއްޖަކާއިއެކު ޖިންސީ އަމަލު ހިންގިކަމުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.

އޭނާގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުންނަވައިގެން އެ އަމަލު ހިންގަވާފައިވާ ކަމަށް ތުހުމަތު ކޮށެވެ. ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުންނެވެ.

މިއަދު ކްރިމިނަލް ކޯޓްގައި ދައުލަތުގެ ވަކީލު އެ ދައުވާ ހުށަހެޅުމުން އަލީ އާމިރު ޝަރީއަތުގައި މިއަދު ވިދާޅުވީ އެފަދަކަމެއް އޭނާ ނުކުރައްވާ ކަމަށާއި ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

ކުޑަ އަންހެންކުއްޖަކާއި އެކު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އާމިރު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އާމިރުގެ ޝަރީއަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިއަހަރުގެ މާޗް 21 ގައެވެ.

ނަމަވެސް މިއަދު ކްރިމަނލް ކޯޓުން ވަނީ އޭނާ އަށް މާލެއިން ފުރައިގެން ނުދެވޭނެ ކަމަށާއި، އަދި އެ މައްސަލައާއި ގުޅުންހުރި އެއްވެސް ފަރާތަކާއި ބައްދަލުކޮށް އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެކަމަށް ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ އާމިރު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައި ވަނީ އޭނާއާ އާއިލީ ގޮތުން ގާތް ކުއްޖަކާ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމުލުކުރުމާއި ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގައިފި ކަމަށް ވާނަމަ އެކުރަނީ ކުށެއްކަމަށެވެ. ހަމަ އެމާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކަމެއް ކޮށްފި މީހާގެ އަދަބަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުންކަމަށެވެ.