07 Dec 2011, 14:41
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މޭޒުކޮޅުގައި ޓަޗް ސްކްރީން ބަހައްޓާފައި ހުރެ އެވެ. ޗެމްބަރުގެ މަތިން ނޫސްވެރިން ބަލަން ތިބޭއިރު އެ ހުރިހާ ސްރީނަކުން ވެސް ގިނަ ފަހަރަށް ފެންނަނީ ކޮންމެވެސް ވެބް ސައިޓެއް ހުޅުވާފައި ހުންނަތަނެވެ. ގާތްގަނޑަކަށް ދެ ވެބްސައިޓެކެވެ.
މޭޒްކޮޅުތަކުގައި ތަކުގައި ޓަޗް ސްކްރީން ބަހައްޓާފައި ވަނީ މަޖިލީހުގައި ކަރުދާހަށް ހަރަދުވާ ފައިސާ ކުޑަ ކުރުމަށެވެ. އެކަން ކޮށްފައި ވަނީ ދެ މިލިއަން ރުފިޔާ ހަރަދު ކޮށްގެނެވެ. އަހަރަކު މަޖިލީހުގައި ކަރުދާހަށް ހަރަދުވާ ފައިސާއަށް ބަލާއިރު އެއްފަހަރާ ދެމިލިއަން ރުފިޔާ ދީގެން މަޖިލީހުގެ މަސައްކަތް "ޕޭޕާ ލެސް" އެންވަޔަރަންމަންޓަކަށް ގެންދެވުމަކީ ކުރެވުނު ވަރަށް ރަނގަޅު ކަމެކެވެ.
އެހެން ނަމަވެސް މިދިއަ އަހަރުގެ މާޗް މަހުން ފެށިގެން 77 މެންބަރުންގެ މޭޒުކޮޅު މަތީގައި ޓަޗް ސްކްރީން ބަހައްޓައި ޕޭޕާ ލެސް މާހައުލެއް މެންބަރުންނަށް ގާއިމު ކޮށްދިން ނަމަވެސް ގިނަ މެންބަރުން އަދިވެސް ބަރޯސާވެ ވަޑައިގެންފައި ވަނީ ކަރުދާސް ބަންޑެލީގެ ތެރޭގައި އުޅުއްވުމަށެވެ. ވަރަށް ގިނަ މެންބަރުން އެ މެންބަރެއްގެ ޓަޗް ސްކްރީން ބޭނުންފުޅު ކުރައްވަނީ އިންޓަނެޓް ބޭނު ކުރެއްވުމަށެވެ.
މަސައްކަތުގައި މެންބަރުން ކަރުދާސް ދޫކޮށްލެއްވުމަށް ކުރަންޖެހޭ މަސައްކަތް މަޖިލީހުގެ އިދާރާއިން ކުރެ އެވެ. ނަމަވެސް އޭގެ ބަދަލުގައި މެންބަރު ސެކްރެޓޭރިއަޓްގައި އެދިވަޑައިގަންނަވަނީ ކަރުދާހަށެވެ.
މަޖިލީހުގެ ސެކަރެޓޭރިއެޓްގައި މެންބަރުން ކަރުދާހަށް އެދެމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ ބުނެފައެވެ. މީގެ މާނައަކީ މަޖިލީހުގެ ތަޅުމަށް އިދާރީ މޭޒުން ހުށަހަޅާ ލިޔެކިޔުންތަކާއި، ޤާނޫނުތަކާއި ބިލުތަކާއި މަޖިލީހުގެ ތާވަލުގެ އިތުރުން ކޯރަމާ ބެހޭ މައުލޫމާތައް ލިބޭ ގޮތަކަށް ހުންނަ ޓަޗް ސްކްރީން ބޭނުން ކުރުން މަދުވެ ގިނަ މެންބަރުން އޭގެ ހާޑް ކޮޕީއަށް އެދެމުން ދިއުމެވެ.
"މަޖިލީހުގެ ބަޖެޓް އައިރު ކަރުދާހަށް ކުރާ ހޭދަ އެންމެ ސެންޓެއް ވެސް ނެތް ކުޑަވެފަ. އަޅުގަނޑުމެން ބާރު އަޅާފައި ވާނީ މަޖިލީހުގައި ކަރުދާސް ބޭނުން ކުރުން މަދު ކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީއަށް ވެސް އަންގާފައި ވާނީ،" ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޗެންބަރުގައި ޓަޗް ސްކްރީން ބެހެއްޓި ދުވަސްވަރު މެންބަރުން ކަރުދާހަށް ބުރަނުވެ، ޓަޗް ސްކްރީން ބޭނުން ކުރި އެވެ. ނަމަވެސް މިހާރު އެކަން ފިލައި ހިނގައްޖެ އެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މަޖިލީހުގެ މަސައްކަތުގައި ކަރުދާހަށް އެކަނި ވެސް އަހަރެއްގެ މައްޗަށް 80،000ރ. ހަރުދުވެ އެވެ. ޓަޗް ސްކްރީން ބެހެއްޓީ އެ ފައިސާ މަދު ކުރުމަށެވެ.
ނަމަވެސް މެންބަރުން ޕޭޕާ ލެސް ވެ ވަޑައިނުގެން ކަރުދާހަށް ބަރޯސާ ވުމުން ކުރިޔަށް ވުރެ ގޯސްވީ އެވެ. ސަބަބަކީ ކަރުދާހަށް ހަރަދުން ކުރަން ޖެހޭ ފައިސާއާއެކު ޓަޗް ސްކްރީންތަކަށް ދާ ކަރަންޓަށް ވެސް ހަރަދު ކުރަން ޖެހުނީ އެވެ. ކަރުދާހާ ކަރަންޓަށް ކުރަން ޖެހޭ ހޭދަ ކުރިން ކަރުދާހަށް ކުރި ހަރަދަށް ވުރެ ދެ ގުނަ ބޮޑުވާނެ ބައެއް މެންބަރުން ލަފާ ކުރައްވައެވެ.
މަޖިލީހުގެ އަރްޝީފް ފެންނަ ގޮތަށް މެންބަރުންގެ މޭޒުކޮޅުގައި ޓަޗް ސްކްރީން ބަހައްޓާފައި ހުރި ނަމަވެސް އެންމެ ގިނައިން ކަރުދާސް ހަރަދު ކުރަނީ މަޖިލީހުގެ ކޮމެޓީތަކަށެވެ. އަހަރުގެ އެންމެ ބޮޑު މަސައްކަތް ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ވަށައިގެން ފުނިފުންޏަށް ކަރުދާސް ޖަހާލާފައި އެބަހުއްޓެވެ. އަންނަ އަހަރުގެ ބަޖެޓް ހިމަނާފައި ނުވާ ލިޔެކުންތައް އެތާގައި ބަހައްޓާފައި ހުރި ނަމަވެސް އޭގެ ބޭނުން ކުރަނީ މަދު މެންބަރެކެވެ.
"ކިހާ ދެރަކަމެއް މީ، މިހާރު ވެސް މިހިރީ މިތާ ވަށައިގެން ކަރުދާސް ފުނިފުންޏަށް ޖަހާލާފަ. މިދިޔަ އަހަރުގެ ބަޖެޓް ދިރާސާ ކުރި އިރުވެސް މިހާ ގިނަ ކަރުދާސް ޕްރިންޓް ކޮށްގެން އެ ބޭނުންކުރާނެ މީހަކު ނުވި،" ބަޖެޓް ކޮމެޓީގައި މާފަންނު ހުނޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް އިއްޔެ ކޮމެޓީގެ އެކަން މުގައްރިރުގެ ސަމާލުކަމަށް ގެންނެވުމުގެ ގޮތުން ވިދާޅުވި އެވެ.
ކަރުދާހުގެ ވާހަކަ ފެންމަތިވުމުން ގިނަ މެންބަރުން އިއްޔެ ކޮމެޓީ ނިމުމާއެކު، ބަޖެޓްގެ ތަފްސީލްތަކުގެ ސޮފްޓް ކޮޕީއަށް އެދިވަޑައިގަތެވެ. އެކަމަކު ދުވަސްކޮޅަކުން އަނެއްކާވެސް އެކަން ހަނދާނެތީ ކަރުދާސް ހޯއްދަވަން ފަށާނެ އެވެ.