22 Feb 2020, 14:36
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް ސޯޝަލް މީޑިއާގައި ކޯޅުމަކަށް ގޮސްފިއެވެ.
ދެ އާއިލާގެ ދެމެދުގައި ކޯޅުމެއް އުފެދުނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ދުންޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވަނީ ސިޔާސީ ނުފޫޒާއި ޖުޑީޝަރީގެ ބޭނުންކޮށްގެން އެއް ރައީސަކު އަނެއް ރައީސް ހައްޔަރުކުރާ ކުރުމަށް ހުއްޓުމެއް ނާންނަ ކަމަށެވެ.
އަދި ދުންޔާގެ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް ފެންނަ ފޮޓޯއަކާ އެކު، އެ ހޮސްޕިޓަލުގައި މިވަގުތު އެމަނިކުފާނު އެޑުމިޓުކޮށްފައި އޮތް އޮތުމަށް އިޝާރާތް ކުރައްވައި ރައީސުން ހައްޔަރުކުރާކުރުމަށް ނިމުމެއް އަންނާނެ ކަމާމެދު ދުންޔާ ސުވާލު އުފެއްދެވިއެވެ.
އެ ޓްވީޓަށް ރައްދު ދެއްވީ ރައީސް ނަޝީދުގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޮ، ނަޒީހާ އަހުމަދެވެ. ނަޒީހާ އަކީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުންނެވެ.
ނަޒީހާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދުންޔާގެ ބައްޕާފުޅު ރައީސް މައުމޫން ހައްޔަރުކުރައްވާފައި ނުވާ ކަމަށާއި އެހެންކަމުން އެއީ ކޮންމެ ރައީސަކު ވެސް އަމަލުކުރައްވާ ގޮތް ކަމަށް ނުބުނެވޭނެ ކަމަށެވެ.
ނަޒީހާގެ ވާހަކަތަކަށް ދުންޔާ ވަނީ ރައްދު ދެއްވާފައެވެ. ރައްދުގައި ދުންޔާ ވިދާޅުވެފައިވަނީ ކޮމިޝަންތައް އުފައްދައިގެން ރައީސް ނަޝީދު ވެސް ރައީސް މައުމޫނަށް، އުނދަގޫކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި، ރައީސް މައުމޫނު ފުލުހަށް ހާޒިރުކުރެއްވި ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
"އެ ކަންތައްތައް ހަނދާން ނެތުނީތޯ؟،" ދުންޔާ ސުވާލު ކުރެއްވިއެވެ.
ރައްދުގައި ނަޒީހާ ވިދާޅުވީ އެއިން އެއްވެސް ކަމެއް ހަނދާން ނެތިފައި ނުވާ ކަމަށެވެ. އަދި ޖަލުތަކާއި ކޮމިޝަންތަކާ އަޅާނުކިޔުމަށް ވެސް އޭނާ އެދިލެއްވިއެވެ.
"އަދިވެސް ހަނދާނުން ނުފިލާ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި،" ނަޒީހާ ވިދާޅުވިއެވެ.
ނަޒީހާގެ ވާހަކަތަކަށް ދުންޔާގެ އެންމެފަހުން ރައްދެއް ދެއްވީ ކޮމިޝަނާއި ޖަލާ އަޅާ ނުކިޔޭނެ ކަމަށް އެއްބަސްވަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ބަދަލުހިފުމެއް، ރައީސް މައުމޫނަށް ނުހިންގާ ކަމަށް ނުބުނެވޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
މި ކޯޅުމުގެ ތެރެއަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ދަރިކަނބަލުން، މީރާ ލައިލާ ނަޝީދު އާއި ޒާޔާ ލައިލާ ނަޝީދު ވެސް ވަނީ ވަދެފައެވެ.
ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ ކުރި ޓުވީޓުތަކެއްގައި ރައީސް މައުމޫނަށާއި ދުންޔާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި ރައީސް މައުމޫން ހެއްދެވި ޖަލުތަކުގައި އެމަނިކުފާނު އޮންނަވަން ޖެހޭކަމަށް ވެސް ބުންޏެވެ.
މީރާ ބުނީ ރައީސް މައުމޫން ޖަލަށްލައި، އަނިޔާކުރުމާއި ބަނޑުހައިހޫނުކަމުގައި ބޭއްވުމުން ވާގޮތް އެމަނިކުފާނަށް އިހުސާސް ކުރަންޖެހޭނެ ދުވަހެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މީރާ ބުނީ ދިވެހި ރައްޔިތުން ރައީސް މައުމޫންގެ އާއިލާގެ ހަނދާން އާކުރާނީ، ދިވެހި އެތައް ރައްޔިތުންނަކަށް ބޮޑެތި އަނިޔާތަކެއް ކުރި އާއިލާއެއްގެ ގޮތުގައި އެކަނި ކަމަށެވެ.
ނަޝީދުގެ ހަގު ދަރިކަނބަލުން ޒާޔާވެސް ވަނީ އެތައް އަހަރުތަކެއް ވަންދެން ޖަލުގައި މީހަކު ބަންދުކޮށްފައި ބޭއްވުމާ، މީހަކު ފުލުހަށް ހާޒިރުކުރުމާ އެއްވަރު ނުކުރެވޭނެ ކަމަށް ބުނެ ދުންޔާއަށް ފާޑުކިޔައިފައެވެ.
ޓުވިޓާގައި ހިނގި ކޯޅުމާ ގުޅިގެން އެންމެ ރައީސް ނަޝީދުވެސް ވަނީ ދުންޔާއަށް ރައްދު ދެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ އާއިލާއިން ބޭއިންސާފާއި އަނިޔާގެ ވާހަކަ ދައްކާ އަޑު އަހަން ވަރަށް އުނދަގޫވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހި ޖީލަކަށް ރައީސް އަނިޔާކޮށްފައިވާ ކަމަށާއި ސަރުކާރުގެ އަނިޔާވެރިކަން ޑޮކިއުމެންޓުކުރުމަށް އަދަބު ފޮތެއް ވެސް ގެންގުޅުއްވި ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެންމެ ރަނގަޅުވާނީ ރައީސް މައުމޫންގެ އާއިލާއިން އަނިޔާގެ ވާހަކަ ނުދެއްކެވުން ކަމަށާއި އަދި އެމަނިކުފާނުގެ ދަރީން ރުޅި ނޭރުވުން ރަނގަޅުވާނެ ކަމަށެވެ.