ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ ހިއްސާ އޮންނަ ފުޑް ކްލަބު (މިސްޓާ ޗިކޯ) އިން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ އަށް އަރާފައިވާ 6.5 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް މުސްތަފާ ސިޓީ ކައުންސިލްގައި އެދިވަޑައިގެންފި އެވެ.

އާޓިފިޝަލް ބީޗުގައި ހިންގާ މިސްޓާ ޗިކޯ ރެސްޓޯރަންޓުން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ މައްސަލާގައި ސިޓީ ކައުންސިލުން ވަނީ މުސްތަފާއާ ރޭ ބައްދަލުކޮށްފަ އެވެ.

މުސްތަފާ ވިދާޅުވީ ރޭ އޭނާ ސިޓީ ކައުންސިލަށް ވަޑައިގެންނެވީ ޗިކޯގެ މައްސަލައާ ބެހޭ ގޮތުން އެ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތާ މެދު އޭނާގެ ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރުމަށް ކަމަށާއި އެކަމާ ބެހޭ ގޮތުން އޭނާއާ ސުވާލުކުރަން ފެށުމުން އެ މައްސަލާގައި ގޮތެއް ނިންމުމަށް ޝަރީއަތަށް ފޮނުވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"ޗިކޯގެ މައްސަލާގައި ސިޓީ ކައުންސިލުން އަޅުގަނޑާ ސުވާލުކުރުމުން އަޅުގަނޑު ދެންނެވިން އެ މައްސަލަ ޝަރީއަތަށް ފޮނުވައިދޭށޭ. އަދި ޝަރީއަތުން ނިންމާ ގޮތަކަށް އަޅުގަނޑު ތަބާވާނަމޭ ވެސް ދެންނެވިން،" މުސްތޮފާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދު މިއަދު ވިދާޅުވީ މުސްތޮފާ އާ ސިޓީ ކައުންސިލުން ބައްދަލުކުރީ ފުޑްކްލަބްގެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބެއް މުސްތޮފާއަށް ދަންނަވާލައި އެކަން ސުލްހަވެރި ގޮތަކަށް ނިންމާލުމަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މުސްތޮފާ އެދިވަޑައިގަތުމުން އެ ފައިސާ ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ސަމާހު އަދި ވިދާޅުވީ މިހާތަނަށް 6.5 މިލިއަން ރުފިޔާ ފުޑް ކްލަބުން ޖޫރިމަނާއާ އެކު ކުލީގެ ގޮތުގައި ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަލައެއް ނެތް މިހާރު ވެސް އެފައިސާ ދައްކަވައިފި ނަމަ، އެތަނުގެ ކޮންޓްރެކްޓް އަދި ހަމައެއް ވެސް ނުވޭ. ނަމަވެސް މުސްތޮފާ ވެސް އެދިވަޑައިގެންނަ ވަނީ ވެސް ޝަރީއަތުން ގޮތެއް ނިންމުމަށް އެހެންވެ، އެންމެ ލަސްވެގެން އަންނަ ހަފްތާގައި އެ މައްސަލަ ކޯޓަށް ވައްދާނަން،" ސަމާހު ވިދާޅުވި އެވެ.

Ahmed Samaahu Rasheed (mp3)

ފުޑް ކްލަބު ހިންގާ ޔުނައިޓެޑް ފެމިލީ ޕްރޮޕަޓީސް އިން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލްކުރަމުން ނުގެންދާ ކަމަށް ބުނެ އެތަނުގެ ވިޔަފާރި ހުއްޓާލައި، ތަނުގެ މުވައްޒަފުންނާއި މުދާ ނެރެ މާލޭ ސިޓީކައުންސިލާ ތަން ހަވާލުކުރުމުގެ އަމުރަކަށް އެދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ފަހު ފަހުން ވަނީ މައްސަލަ ބާތިލްކޮށްފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mohammed Musthafa (mp3)