މިދިޔަ އޮކްޓޯބަރު މަހު ޖީއެސްޓީ ނަގަން ފެށިފަހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ފަސް ޕަސެންޓް އިތުރުވެ ދައުލަތުގެ އާމްދަނީ 312.8 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

މީރާއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖީއެސްޓީ ނަގަން ފެށިފަހުން ފުރަތަމަ މަހު ޖީއެސްޓީގެ ގޮތުގައި 43.5 މިލިއަން ރުފިޔާ ލިބިފައިވާއިރު އޮކްޓޯބަރު މަހު ލިބުނު 298.3 މިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ މިދިޔަ މަހު ދައުލަތުގެ އާމްދަނީ 1.5 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 14.9 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 230.3 މިލިއަން ރުފިޔާއަށް) އަރާއިރު ޖުމްލަ އާމްދަނީ 312.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އެބައިން 81.8 މިލިއަން ރުފިޔާ ސަރުކާރަށް ވަނީ ލިބިފަ އެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބުނީ 43.5 މިލިއަން ރުފިޔާ ސަރުކާރަށް ލިބުނު ޖީއެސްޓީންނެވެ.

ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެއާޕޯޓް ސާވިސްޗާޖުންނާއި އަދި ރެސިޑެންޝަލް ޕާމިޓުންނެވެ. އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 29.4 މިލިއަން ރުފިޔާ ލިބުނު އިރު 10 މިލިއަން ރުފިޔާ ދައުލަތަށް ލިބުނީ ރެސިޑެންޝިއަލް ޕާމިޓުންނެވެ.

މި އަހަރުގެ މިހާތަނަށް މީރާއަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނަށް ލިބުނު 2.3 ބިލިއަން ރުފިޔާއަށް ވުރެ 79 ޕަސެންޓްގެ އިތުރުވުމެކެވެ. މިއަހަރުގެ މިހާތަނަށް ޑޮލަރުން 229 މިލިއަން ޑޮލަރު މީރާއަށް ލިބިފައިވެ އެވެ. އެއީ ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ އެވެ.