07 Dec 2011, 13:31
ހއ. އަތޮޅު ކައުންސިލް ކެލާ ދާއިރާގެ މެންބަރު މުހައްމަދު ފަޔާޒް ރަށު ކައުންސިލްގައި މަސައްކުރައްވަން އޮފީހަށް ވަޑައިގަތުމުން ރަށު ކައުންސިލުގެ ރައީސް އަބުދުﷲ ޒުބައިރު އެކަމާ ނުރުހުން ފާޅުކުރައްވާ އިދާރާއިން ނުކުމެ ވަޑައިގަތުމަށް ފަޔާޒަށް އެންގުމުން މައްސަލަ ހޫނުވެ ކައުންސިލް އިދާރާގެ ތެރޭގައި އެރަށުގެ ބަޔަކު ނުރުހުން ފާޅުކުރަމުން އެބަދެއެވެ.
ފަޔާޒަކީ ޑީއާރްޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. ޒުބައިރަކީ އެމްޑީޕީގެ ބޭފުޅެކެވެ. ކެލާ ކައުންސިލުގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ.
ފަޔާޒް މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ބައްދަލުވުމަކުން ނިންމި ގޮތަށް ދިއްދޫގައި އަތޮޅު ކައުންސިލްގެ ބައްދަލުވުންތައް ބޭއްވެންދެން އެ ދާއިރާއަކަށް ނިސްބަތްވާ ރަށު ކައުންސިލްގައި މަސައްކަތްކުރަން ނިންމާފައިވާތީ މިއަދު ކެލާ ކައުންސިލްގެ އިދާރާއަށް ނުކުންނެވީ ކަމަށެވެ.
އެހެންނަމަވެސް ކެލާ ކައުންސިލްގެ ރައީސް އެ އިދާރާގައި މަސައްކަތް ނުކުރެވޭނެކަމަށް ވިދާޅުވެ، އެތަނުން ނުކުތުމަށް އެންގެވި ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލްގެ އިދާރާގެ ތެރެއަށް ވަދެ އެ ނިންމުމާއި އިދކޮޅަށް ނުރުހުން ފާޅުކުރަން ފެށީ ކަމަށެވެ.
"ކައުންސިލްގެ ރައީސް އަންގަވަނީ ކައުންސިލްގެ އިދާރައިން ނުކުންނާށޭ. އަޅުގަނޑު މިތަނަކުން ނުނުކުންނާނަން ފުލުހުން ގެނެސްގެން ނެރެންޖެހޭނީ. ފުލުހުން ޖެހެނީ އަޅުގަނޑު މިތަނުން ނުކުންނަށް ޖެހޭ ގާނޫނީ ހުއްޖަތް ދައްކަވަން. އަތޮޅު ކައުންސިލް މެންބަރުންނަށް ނުވަދެވޭ ރަށުކައުންސިލެއް ނުހުންނާނެ،" ފަޔާޒް ވިދާޅުވި އެވެ.
ރަށުކައުންސިލްގެ ރައީސް ޒުބެއިރުގެ ބަހެއް ލިބޭތޯ އޭނާގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.
ކެލައިން ވާހަކަ ދެއްކި މީހުން ބުނީ ރަށު ކައުންސިލްގެ އިދާރާތެރޭގަ އާއި ބޭރުގައި ގާތްގަނޑަކަށް 150 އެއްހާ މީހުން ނުރުހުން ފާޅުކުރަމުންގެންދާ ކަމަށާއި މީހުން އެއްވީ ކައުންސިލުގެ އިދާރާއިން ފަޔާޒު ނެރުމަށް ޒުބައިރު އުޅުއްވުމުން ކަމަށެވެ.
ހއ. އަތޮޅު ކައުންސިލްގެ މެންބަރުން ހއ. އަތޮޅުގެ ބޭނުންކުރަމުންދާ މައްސަލަގާއި ހިނގިހަމަނުޖެހުންތަކާއި ގުޅިގެން ދިއްދޫއަށް ނިސްބަތްވާ ދެ ކައުންސިލަރުން ފިޔަވާ ދެން ތިބި ހުރިހާ ކައުންސިލަރުން ދިއްދޫއިން ފުރައިގެން ދިއުމަށްފަހު މޮޅަދޫގައި ބޭއްވި ޖަލްސާގައި ފާސްކޮށްފައިވަނީ އަތޮޅު ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ދާއިރާތަކުގެ ކައުންސިލަރުން މަސައްކަތް ކުރައްވާނީ އެބޭފުޅަކު ނިސްބަތްވާ ރަށެއްގެ ކައުންސިލުގެ އިދާރާގައި ކަމަށެވެ.