21 Feb 2020, 13:44
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި ޖަމިއްޔާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން ކ. ތުލުސްދޫގައި މުރަކަ ފެސްޓިވަލް އެއް ބޭއްވުމަށް ނިންމައިފިއެވެ.
މުރަކަތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތުދީ މުރަކަތައް ގާތުން ބަލާލުމުގެ ހަރަކާތްތަކާއެކު އެ ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފްތާ އަންގާރަ ދުވަހުގައެވެ. އެ ފެސްޓިވަލް ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން 18:00 އަށެވެ.
އެމްސީއައިއިން ބުނެފައިވަނީ ކޮރަލް ފެސްޓިވަލް އަކީ ރާއްޖޭގެ ފަރުތަކުގައިވާ މުރަކަތައް ދެނެގަނެ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައި ތިމާވެށްޓާއި މާހައުލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ދައްކައި އެކަންތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ބޮޑު ފެސްޓިވަލް އެއް ކަަމަށެވެ.
މިއުޒިކް އާއި އާޓް އަދި ސްނޯކްލިން ފަދަ ހަރަކާތްތައް ބަލައި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ފެސްޓިވަލްގައި ލިބިގެންދާނެ ކަމަށް އެމްސީއައި އިން ބުނެއެވެ.
މުރަކަ ފެސްޓިވަލްގެ އެއް ދުވަސް ކުރީން ހާއްސަ ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފަައެވެ. އެ ވޯކްޝޮޕްގައި އެމްސީއައިގެ މަސައްކަތާ ގުޅޭގޮތުން ތަފާތު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.
ފެސްޓިވަލްގައި ރެޖިސްޓާ ވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައި ކަމަށްވެސް އެ އިންސްޓިޓިއުޓް އިން ބުނެއެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ނަޝީދު އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން، ރަށްތައް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމާއި، ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.