07 Dec 2011, 13:33
ސަރުކާރުން 2012 ވަނަ އަހަރަށް ހުށަހަޅާފައި ވަނީ ސިޔާސީ ބަޖެޓެއް ކަމަށާއި އެއީ މަޖިލީހުން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު، އަދި ކެންދޫ ދާއިރާގެ ވެސް މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ދައުލަތުގެ ހަރުމުދާ ވިއްކައިގެން 750 މިލިޔަން ރުފިޔާ ހޯދުމަށް ބަޖެޓްގައި އަންދާޒާކޮށްފައިވާ ކަމަށެވެ. އަދި ކަންބޮޑުވާން ޖެހޭ ކަމަކީ އެއީ ކޮން ހަރު މުދަލެއް ވިއްކައިގެން ހޯދާ ފައިސާއެއް ކަން އެގެން ނެތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ސިވިލްސާވިސްގެ މުވައްޒިފުންގެ މައްޗަށް ބޭނުން ގޮތަކަށް ސަރުކާރަށް ބާރު ނުފޯރުވޭތީ ސިވިލްސާވިސް ހަނިކޮށްލައި މުވައްޒިފުން ވަޒިފާ އިން ނެރެލުމަށް ތަފާތު ކުންފުނިތައް ހަދަމުންދާތަން ފެންނަމުންދާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންނަށް ދޭންޖެހި، ނުދީވާ ފައިސާ މިފަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ރައްޔިތުންގެ އަތުގައި ފޮރުވާފައި ހުރި މަދު ފައިސާކޮޅުން ދިރާގުގެ ހިއްސާ ގަންނަން ފެށީ، މުއާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނުނެގުމަށް ފާސްކޮށްފައި ވާތީ އެކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ދިރާގުގެ ހިއްސާ ވިއްކުމުގެ މުއްދަތު ހަމަވުމުން މުއާސަލީ ހިދުމަތްތަކުން ޖީއެސްޓީ ތައާރަފްކޮށްގެން އާމްދަނީ ހޯދުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދަރަނި ބޮޑުވެ، ތަކެތީގެ އަގު އުފުލެމުންދާ އިރު ދެ ބިލިޔަން ރުފިޔާގެ ލޯނު ނެގުމަށް ބަޖެޓްގައި ހިމަނާފައި އޮތުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މި ސަރުކާރު އައިފަހުން ހުށަހަޅާ ބަޖެޓްތަކަކީ ސިޔާސީ ބަޖެޓްތަކަށްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ގައުމަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ބަޖެތްތަކެއް ހުށަހަޅަމުންދާތީ. މިއީ ވެސް ސިޔާސީ ބަޖެޓެއް. މިއީ އިގްތިސާދީ ބަޖެޓެއް ނޫން، މިއީ ސިޔާސީ ބަޖެޓެއް. ހުރިހާ ހަރަދެއް ކުރަމުން ދަނީ އެކަމުގެ ފަހަތުގައި ސިޔާސީ ފިކުރު އޮވެގެން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މިފަހަރުގެ ބަޖެޓް ބަލައިލުމުން ފެންނަ މަންޒަރަކީ ދައުލަތުގެ ހަރަދުތައް ހިނގާ ނުހިނގާ ގޮތް ބަލައި މަޖިލީހުން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅުމަށް ހުށަހަޅާފއިވާ ބަޖެޓެއްގެ ގޮތުގައި ކަމަށެވެ.
ބަޖެޓުން ފެންނަ ބޮޑުމަންޒަރު އެހާ ރީތިނޫން ކަމަށް ވިދާޅުވެ ތަސްމީން ވިދާޅުވީ ގަނޑުކޮށް ޕްރޮގްރާމްތައް އެކުލަވާލައި ބަޖެޓް ހިމަނާފައިވާ އިރު އެކަންކަމާ ބެހޭ ތަފްސީލް ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ބަޖެޓް އެގޮތަށް އޮއްވައި ފާސްކޮށްދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ގިނަ އުމުރާނީ މަސައްކަތްތައް ހިމެނޭ ބޮޑެތި އަދަދުތައް ހިމެނޭ ޕްރޮރާމަކީ ކްލައިމެޓް ޗޭންޖު އެންޑް އެރިޑިކޭޝަން ޕްރޮގްރާމްގެ ނަމުގައި ހިމަނާފައިވާ ޕްރޮގްރާމް. އޭގެ ތެރޭގައި ނަރުދަމާ، ބަނދާރު، ހަކަތަ، ފަދަ މުހިއްމު ޕްރޮގްރާމްތައް ހިމެނޭ ނަމަވެސް ބޮޑެތި ]ފައިސާގެ[ އަދަދުތައް ގަނޑުކޮށް ޖަހައިފައި ހުންނަނީ ތަފްސީލެއް ނެތް. ބަޖެޓް ފާސްކޮށްފައި ދޫކޮށްލައި ޖަވާބު ދާރީ ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ. މިއީ ބަލައިގަނެގެން ވާނެ ކަމެއް ނޫން. މުޅި ބަޖެޓްގެ ބޮޑު މަންޒަރަށް ބަލާލާ އިރު ފެންނަ މަންޒަރު އެހާރީއްޗެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޖުޑިޝާރީ ހަރުދަނާ ކުރުމުގެ ވާހަކަ ސަރުކާރުން ތަކުރާފުކޮށް ދައްކާ އިރު، ބަޖެޓުން އެކަން ނުދައްކާ ކަމަށެވެ. އެގޮތުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައިވާ ބަޖެޓް ވަނީ ވަރަށް ބޮޑުތަން ކުޑަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި 65 އަހަރުވެފައިވާ މީހުންނަށް ދޭ އަސާސީ ޕެންޝަން، ދޭން ޖެހޭނީ އިންފްލޭޝަން ފަސް ޕަސެންޓަށް ވުރެ މައްޗައް ދިއުމުން ގެންނަން ޖެހޭ އެޖެސްމެންޓެއް ގެނަސްގެންކަމަށް ގާނޫނުގައި ބުނި ނަމަވެސް މިފަހަރުގެ ބަޖެޓްގައިވެސް އިންފްލޭޝަނަށް އެޖެސްޓްކޮށްފައެއްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިރީސް ޕަސެންޓަށް ވުރެ މައްޗަށް އިންފްލޭޝަން ދިޔައިރު ވެސް. އައު ސަރުކާރަށް އެތައް ފަހަރަކު ހަނދާންކޮށްދީގެން ވެސް އެ އެޖެސްޓްމެންޓް ގެނަސްފައެއް ނުވޭ. އެހެން ކަމުން އަސާސީ ޕެންޝަނުގެ ގޮތުގައި މިހާރު ލިބެމުން ދަނީ ވަރަށް ކުޑަ އެއްޗެއް،" ތަސްމީން ވިދާޅުވި އެވެ.