07 Dec 2011, 12:40
ނުރައްކާތެރި ކުއްވެރިއެއް ކަމަށްވާ ގދ. ފަރެސްމާތޮޑާ އަލި، ޣައްސާން އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ މާރާ މާރީ ހިންގުމުގެ ކުށުގެ ދައުވާއާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިމެންދެން ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އޭނާ ބަންދުގައި ބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ވަރަށް ސާފުކޮށް އެގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ބަހައްޓަންޖެހޭ ފަދަ ކަންތައްތަކެއް ނެތްކަމަށެވެ.
ޣައްސާނުގެ މައްޗަށް ކުރާ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގެ ހެކިބަސް ނެގުމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ހެކިބަސް ދީފައި ވަނީ ސަލްޓަން ޕާކުގެ ތެރެއިން ކަރަށް ވަޅި ހެރުމުން ޒަހަމްވި މީހާ އެވެ. އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ އޭނާ އާއި އޭނާގެ ރައްޓެއްސަކަށް ސަލްޓަން ޕާކުގެ ތެރެއިން މިދިޔަ ޖެނުއަރީ 29 ގައިހަމަލާދީފައިވާ ކަމަށެވެ. އެކަމަކު ހަމަލާދިނީ ސީދާ ޣައްސާނުކަން ބުނެދޭން ނޭނގޭ ކަމަށެވެ.
ހެކިބަސްދިން ދެ ވަނަ މީހާ ބުނެފައިވަނީ އޭނާއަކީ ވެސް ޒަހަމްވި ދެ މީހުންނާ އެކު ސަލްޓަން ޕާކުގައި ހުރި މީހެއް ކަމަށާއި ޣައްސާނާއި އިތުރު މީހަކު އޭނާއާއެކު ހުރި ދެ މީހުންނަށް ހަމަލާދިން ތަން ފެނުނު ކަމަށެވެ.
އޭނާ ބުނެފައިވަނީ ފުރަތަމަ މީހާއަށް ހަމަލާދިނުމުން އޭނާ ޣައްސާނުގެ އަތުގަ އާއި ވަޅީގައި ހިފަހައްޓައިގެން ހުރި ކަމަށެވެ. ނަމަވެސް އެވަގުތު ހަމަލާދިން އަނެއް މީހާ (ކުޑަކުއްޖެއް) ގޮސް ޒަހަމްވެފައި ހުރި މީހާގެ ބުރަކައްޓަށް ވަޅިން ހަމަލާދެމުން ދިޔަ ކަމަށާއި ދެން ޣައްސާނު ވެސް އޭނާގެ ވަޅި އޮތް އަތް ނޫން އަނެއް އަތުން ޒަހަމްވި މީހާގެ ބުރަކައްޓަށް ހަމަލާދެމުން ދިޔަ ކަމަށެވެ.