07 Dec 2011, 11:36
އދ. މާމިގިލީގައި މަސައްކަތްކުރަމުން އަންނަ ފުލުހަކު މީހެއްގެ އަންބެންގެ ކައިރި އަށް ވަން ކަމަށް ބުނެ އޭނާ އެ ރަށުން ބޭރުކުރުމަށް ގޮވާލައި ޒުވާނުންތަކެއް ރޭ ކައުންސިލްގެ އިދާރާކައިރީގައި ނުރުހުން ފާޅުކޮށްފި އެވެ.
ސަން އަށް މައުލޫމާތުދިން މާމިގިލީގެ ޒުވާނަކު ބުނީ އެ ރަށުގައި މަސައްކަތް ކުރާ ފުލުހަކު މީހެއްގެ އަންބެން ކައިރިއަށް ވަންކަމަށް ބުނާ މައްސަލާގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ރޭ ކައުންސިލްގެ އިދާރާކައިރިގައި އޭނާ އެ ރަށުން ބޭރުކުރުމަށް ގޮވާލައި މުޒާހަރާކުރި ކަމަށައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ވަކި ފުލަހަކާ ދޭތެރޭގައި އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހިގެން އުޅޭކަމުގެ މައުލުމާތެއް އަދި ލިބިފައި ނުވާ ކަމަށާއި ނަމަވެސް ޓްރެފިކްގެ ބައެއްކަންކަން ފުލުހުން ބަލަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން ޒުވާނުންތަކެއް އެ ރަށުގެ ފުލުހުންގެ މަރުކަޒް ކައިރިއަށް އެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އެ ރަށަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
"ސީދާ މާމިގިއްޔަށް ދާނެ ވަކި ގަޑިއެއް ބުނާކަން ނޭނގޭ. ފުލުހުން ތިބީ ތައްޔާރުގައި އެ ރަށުގައި ރޭގައި ހިނގައި ދިޔަ ހާދިސާ ތަހްގީގު ކުރަން އެބަޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެ ރަށަށް ދަނީ މިއަދުތޯ ނުވަތަ މާދަމާތޯ އެގޮތަށް ބުނާކަށް ނޭނގޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު ވިދާޅުވީ މާމިގިލީގައި މީހެއްގެ އަންބެއް ކައިރިއަށް ވަން ކަަމަށް ބުނާ ފުލުސް މީހާއާ ބެހޭ ގޮތުން އެފަދަ ޝަކުވާއެއް މިހާތަނަށް ވެސް ލިބިފައި ނުވާ ކަމަށާއި ބޮޑަށް ބެލެވެނީ "އެއީ ހަދައިގެން އުޅޭ ސްޓޯރީއެއް" ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ފުލުހެއްގެ އެފަދަ އަހުލާގީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމަށް ފުރަތަމަ ފިޔަވަޅު އަޅާނީ ވެސް ފުލުހުން ކަމަށާއި ނަމަވެސް އެ ޝަކުވާ ގާތުން ބައްލަވާނެ ކަމަށެވެ.
މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް މިއަދު ވިދާޅުވީ އެ ރަށުގައި މަސައްކަތް ކުރާ ފުލުހަކާ ދޭތެރޭގައި ހިތްހަމަނުޖެހިގެން ރަށުގެ ޒުވާނުން ރޭ ކައުންސިލްގެ އިދާރާ ކައިރީގައި މުޒާހަރާކުރި ކަމަށާއި ނަމަވެސް ފުލުހަކު ބޭރު ކުރެވޭނީ ތަހުގީގް ކުރުމަށް ފަހުގައި ކަމަށް އެމީހުންނަށް ދެންނެވި ކަމަށެވެ.
އަދި އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް މިއަދު އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.