19:00


ކުރީގެ އަނިބިމީހާ ވަޅިން ހަމަލާދިނުމުން އުމުރުން 34 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 3:30 ހާއިރު އެ ފިރިހެން މީހާ މަރުވެފައި ވަނީ އޭނާގެ ބުރަކައްޓަށް ވަޅި ހަރާލުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ އެއްގަޑިއިރު ފަހުން ކަމަށެވެ. އެ މައްސަލައިގައި، އުމުރުން 21 އަހަރުގެ ކުރީގެ އަނބިމީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އޭނާ އަމިއްލަ އަށް ފޯނުކޮށް ފިރިހެން މީހާގެ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް ބުނެ އަމިއްލަ އަށް އިއުތިރާފްވެގެން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ހިނގީ ހ.ހަދީބީމަގު ސަރަހައްދުން ކަމަށެވެ. އެހެން ނަމަވެސް ހަމަލާ ދިނީ މަގުމަތިންކަން ނުވަތަ ގެއެއްގެ ތެރެއިން ކަމެއް ވިދާޅެއްނުވެ އެވެ.


ފުލުހުންގެ އޮފިޝަލު އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ވަޅި ހަރާލުމާ ގުޅިގެން ފިރިހެން މީހާ ގޮސް އެތާ ކައިރީ ހުރި ފިހާރައަކަށް ވަދެ އެކަން ރިޕޯޓްކޮށްދިނުމަށް އެދުމުން، އެ ފިހާރައިގެ ސޭޓު ކަމަށެވެ.


އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ލޭގެ ޕްރެޝަރެއް ވެސް އަދި ވިންދެއް ވެސް ރެކޯޑްކުރެވޭ ވަރަށް ނެތް ކަމަށެވެ.


ޑޮކްޓަރުން ހަވާލާދީ އައްފާލް ވިދާޅުވީ އެ މީހާ މަރުވެފައި ވަނީ ވަޅި ހަރާލުމުގެ ސަބަބުން ފުއްޕާމޭ ހަލާކުވެ ފުއްޕާމެ އަށް ލޭ ގޮސް އޭނާގެ ހިތް ހުއްޓި، އޭނާގެ ވިންދާއި ލޭގޭ ޕްރެޝަރު އަނބުރާ ގެނައުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.